ކުޅިވަރު

ވެލެންސިއާ ފަސޭހަކޮށް ނުނަގާނަން، އެއީ ބްރޭންޑެއް: ސާންތި


ކުލަބު ވެލެންސިއާގެ ހާލަތު މިހާރު ކޮންމެ ގޮތަކަށް އޮތަސް އެ ޓީމު ފަސޭހަކޮށް ނުނަގާނެ ކަމަށާއި، އެއީ ބްރޭންޑެއް ކަމަށް ކުލަބު އީގަލްސްގެ ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) ބުނެފިއެވެ.

މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގައި އެންމެ ފުރަތަމަ ބައްދަލުކުރަން އޮތީ އީގަލްސް އާއި ވެލެންސިއާއެވެ. ނަމަވެސް ދިމާވި ހާލަތެއްގެ ސަބަބުން މި މެޗު ހޯމަ ދުވަހުގެ ރެއަށް ފަސްކުރަން ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ނިންމާފައެވެ.

މެޗުގެ ކުރިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ސާންތި ބުނީ ފުރަތަމަ މެޗު ތަންކޮޅަށް ބޮޑަށް ފަސޭހަކޮށްލެވުނު ކަމަށާއި އެހެންކަމުން އެކަމަށް ވިސްނައިގެން ވެލެންސިއާއާ ދެކޮޅަށް ކުޅޭނެ ކަމަށެވެ. އަދި ވެލެންސިއާއަށް މިހާރު ބޮޑެތި ބަދަލުތަކެއް އައިސްފައި އޮތް ނަމަވެސް، އެ ނަމަކީ ދިވެހި ފުޓްބޯޅައިގެ ބްރޭންޑެއް ކަމަށާއި، އަދި އެއީ އަބަދުވެސް ދެކޭ ގޮތް ކަމަށްވެސް ސާންތި ބުންޏެވެ.

ވެލެންސިއާ އާއި ދެކޮޅަށް ކުޅޭ މެޗުގައި ބަލާނީ ވީހާވެސް އަވަހަށް ލަނޑެއް ޖަހައި މެޗު ޑޮމިނޭޓުކުރުމަށް ކަމަށާއި، އީގަލްސް ޓީމުން ވެލެންސިއާ ފަސޭހަކޮށް ނުނަގާނެ ކަމަށްވެސް ސާންތި ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް އެކަކުން މިވަގުތު ސެމީގެ އުއްމީދު ބޮޑުކޮށްފައިވަނީ އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެވެ. ފުރަތަމަ މެޗުގައި ސަސް އަތުން ވެލެންސިއާ ބޮޑު ތަފާތަކުން ވަނީ ބަލިވެފައެވެ. އަދި އީގަލްސްއިން ވަނީ ފަހަތުން އަރައި ސަސް ބަލިކޮށްފައެވެ. އެހެންކަމުން ވެލެންސިއާއަށް ސެމީއަށް ދިއުމުގެ އުއްމީދެއް އޮތީ އީގަލްސް އަތުން ބޮޑު މޮޅެއް ހޯދައިގެންނެވެ.