އދ. ހަންޏާމީދޫ އެކުވެރިންގެ ދިރުން ޖަމުއިއްޔާއިން އިންތިޒާމުކޮށްގެން ބޭއްވި ބީޗް ސްޓާ މޯލްޑިވްސް އެޗްއީޑީ ވެޓެރަންސް ކަޕް 1444 ގެ ޗެމްޕިއަންކަން ދަ ވެޓެރަންސްއިން ހޯދައިފިއެވެ.
ހަންޏާމީދޫއަށް ނިސްބަތްވާ 35 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވަމުން އަންނަ މި މުބާރާތުގައި މިއަހަރުވެސް ހަތަރު ޓީމު ވަނީ ވާދަކޮށްފައެވެ.
ފިތުރު ޢީދު ދުވަހާއި ޢީދު ދުވަހުގެރޭ ކުރިއަށްގެންދިޔަ މި މުބާރާތުގައި ބައިވެރިވެފައިވާ ޓީމުތަކަކީ މިދިޔަ އަހަރުގެ ޗެމްޕިއަން ނުގުޑާނެ އާއި، ވޭތުވެދިޔަ އަހަރު ޔޫވީޔޫއެޗްޑީގެ ނަމުގައި ނުކުމެ ރަނަރަޕްކަން ހޯދި ޓީމުން ނެރުނު ދަ ވެޓެރެންސް އާއި، ގުޑާނެ ޓީމު އަދި މާލެ ޓީމެވެ.
ކޮންމެ ޓީމެއް ކޮންމެ ޓީމަކާ ބައްދަލުކޮށް ކުޅުނު ލީގު ބުރުގެ ހުރިހާ މެޗެއް ކާމިޔާބުކޮށް އެއްވަނަ ޓީމުގެ ގޮތުގައި ދަ ވެޓެރަންސް މުބާރާތުގެ ފައިނަލް ދަތުރުކުރިއިރު، ދެވަނަ މަގާމު ހޯދި ނުގުޑާނެ ޓީމު ވަނީ ދެ މެޗު ކާމިޔާބުކޮށް ދެވަނަ ޓީމުގެ ގޮތުގައި ފައިނަލަށް ދަތުރުކޮށްފައެވެ.
ނުގުޑާނެއާ ދެކޮޅަށް ކުޅުނު ފައިނަލް މެޗު ދަ ވެޓެރަންސްއިން ކާމިޔާބުކުރީ ތިން ލަނޑު ދެ ލަނޑުންނެވެ. މި މެޗްގައި ދަ ވެޓެރަންސްގެ ލަނޑުތައް ޖަހައިދިނީ ދެ ލަނޑު ކާމިޔާބުކުރި ހަސަން އަޝްރަފު އަދި އަޙްމަދު ތޮލްހަތެވެ. އަދި ނުގުޑާނެ ޓީމުގެ ލަނޑުތައް ޖަހައިދިނީ އާދަމް ޒާހިރާއި އާދިލް ރަޝީދެވެ. ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ދަ ވެޓެރަންސްގެ ހަސަން އަޝްރަފެވެ.
މި މުބާރާތުގެ ޑްރީމް ޓީމުގައި ހިމެނުނީ ދަ ވެޓެރަންސްގެ ހަސަން އަޝްރަފާއި، އާދަމް ޝަރީފާއި، އަޙްމަދު ތޮލްހަަތާއި، މަސްއޫދު ހަސަންގެ އިތުރުން ނުގުޑާނެ ޓީމުގެ މުޙައްމަދު އަޒުހަރެވެ.