ބޮޑުތަކުރުފާނު މަގުގެ ތާރުއަޅަފައިވާ ސަރަޙައްދު މަރާމާތުކުރުމުގެ މަސައްކަތް 1.4 މިލިއަން ރުފިޔާއަށް ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިންގ އާއި ޙަވާލުކުރައްވައިފިއެވެ.
މާލޭ ބޮޑު ތަކުރުފާނު މަގުގައި ތާރުއެޅުމުގެ މަސައްކަތް ނިންމައި އާއްމުންނަށް ހުޅުވާލާފައިވަނީ 2018 ވަނަ އަހަރުގެ ތެރޭގައެވެ. އެހެންނަމަވެސް އެ މަގުގެ ބައެއް ސަރަޙައްދުތައް ވަނީ ޙަލާކުވެފައެވެ. އެހެންކަމުން އެ މަގުގައި ހަލާކުވެފައި ހުރި ތަންތަން ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން މިދިޔަ ހުކުރު ދުވަހު ވަނީ ފަށްޓަވާފައެވެ. ތާރު މަގުގައި ހަލާކުވެފައިވާ ތަންތަން މަރާމާތުކުރަން ހަވާލުކުރައްވައިފައިވަނީ، މާލެއާއި ހުޅުމާލެ ގުޅުވައިދޭ ހައިވޭ ހެދި ޗައިނާގެ ހުނާން ކޮންސްޓްރަކްޝަން އިންޖިނިއަރިންގ ކުންފުންޏާއެވެ.
މި މަސައްކަތުގެ ތެރެއިން ބޮޑުތަކުރުފާނު މަގުގެ 32 ތަނެއް މަރާމާތުކުރަން ވަނީ ހަމަޖެހިފައެވެ. މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ މާލޭގެ ބޮޑުތަކުރުފާނު މަގާއި ޢިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުކުރުމުގެ މަސައްކަތް 10 ވަރަކަށް ދުވަހުގެ ތެރޭގައި ނިމޭނެކަމަށް އުންމީދުކުރައްވާ ކަމަށެވެ. އެއްބަސްވުމުގައި ވާގޮތުން ބޮޑުތަކުރުފާނު މަގުގެ މަރާމާތު ކުރަންޖެހޭ 32 ތަނުގެ މަސައްކަތް ނިންމަން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.
ބޮޑުތަކުރުފާނު މަގު/ޢިއްޒުއްދީން މަގުގެ ތާރު އެޅި ބައި މަރާމާތުގެ މަސައްކަތް ބާރަށް ކުރިޔަށްދަނީ. މާލެ އާއި ހުޅުމާލެއާއި ގުޅުވައިދޭ ހައިވޭ ހެދި ކުންފުނިން ކުރަމުންދާ މި މަސައްކަތް 10 ވަރަކަށް ދުވަސް ތެރޭގައި ނިންމޭނެކަމަށް ލަފާކުރެވޭ. pic.twitter.com/ARdTXxBV40
— Dr Mohamed Muizzu (@MMuizzu) April 23, 2023
ބޮޑު ތަކުރުފާނު މަގުގައި ހަލާކުވެފައި ހުރި ތާރުގަނޑުތައް ނަގާ އަލުން އެތަނުގައި ތާރުއަޅާނެއެވެ. އަދި މި މަސައްކަތް ކުރާއިރު މަގުގެ އަޑީގައި އަޅާފައި އޮތް ޔުޓިލިޓީ ހޮޅިތަކުގެ ހާލަތު ދެނެގަނެ އަންގަންޖެހެއެވެ.
2018 ވަނަ އަހަރު މާލޭ އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން، ހުޅުމާލެ ފެރީ ޓަރމިނަލާ ހަމައަށް އޮންނަ ސަރަޙައްދުގައި ތާރުއަޅައި ވަނީ ނިންމާލާފައެވެ. ބޮޑުތަކުރުފާނު މަގު ތާރުއަޅައިގެން ޒަމާނީފެންވަރަށް ތަރައްޤީކޮށްފައިވަނީ ބުރިޖަށް ދާން އޮންނަ ބޮޑު މަގަކީ ވީހާވެއް ތޮއްޖެހުން ކުޑަ ދުއްވަން ފަސޭހަ މަގެއްގެ ގޮތުގައި ހެދުމަށެވެ.
މާލޭގައި ހެދިފައި ހުރި ޕޮޓްހޯލްތައް ބައްދަން ޗައިނާ ކުންފުންޏަކާ ޙަވާލުކުރިއިރު ޗައިނާއިން ދާދިފަހުން ވަނީ މާލެ ސިޓީއަށް 3000 މަގުބައްތި ހިލޭ ދީފައެވެ. އެއީ ކެމެރާ އަދި ސެންސަރުވެސް ހަރުކޮށްފައި ހުންނަ ސްމާޓް ބައްތިތަކެކެވެ.