ކުޅިވަރު

ޕެނަލްޓީގައި ބްރައިޓަން ބަލިކޮށް ޔުނައިޓެޑް ފައިނަލަށް


އިނގިރޭސި އެފްއޭ ކަޕުގެ ފައިނަލުގެ ފަހު ޖާގަ މެންޗެސްޓާ ޔުނައިޓެޑުން ކަށަވަރުކޮށްފިއެވެ.

މިމުބާރާތުގެ ފައިނަލްގެ ފަހު ޖާގަ ޔުނައިޓެޑުން ހޯދީ އާދީއްތަ ދުވަހުގެރޭ ކުޅުނު ސެމީ ފައިނަލް ދެވަނަ މެޗްގައި ޕެނަލްޓީ ޖަހައިގެން ބްރައިޓަން ބަލިކޮށްގެންނެވެ. މިމެޗުގެ ޕެނަލްޓީ ޝޫޓްއައުޓްގައި ޔުނައިޓެޑް ކުރި ހޯދީ ހަތެއް ހަޔަކުންނެވެ.

ވެމްބްލީ ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ގިނައިރު ބްރައިޓަންއިން ބޯޅަ ގެންގުޅުނު އިރު ހަމަލާ އުފެއްދިފައިވަނީ ދެޓީމަށްވެސް ހަމަހަމަކޮށެވެ. މިމެޗްގެ ފުރިހަމަ ވަގުތުގައި ބްރައިޓަންއިންއަށް ލަނޑު ޖަހާނެ ރަނގަޅު ދެތިން ފުރުސަތު ލިބިގެންދިޔައިރު އިތުރު ވަގުތުގައި ޔުނައިޓެޑަށްވެސް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައެވެ.

މިމެޗްގެ ޕެނަލްޓީ ޝޫޓް އައުޓްގައި ދެޓީމުން އެންމެ ފުރަތަމަ ޖެހި ފަސް ޕެނަލްޓީވެސް ވަނީ ކާމިޔާބުކޮށްފައެވެ. އަދި ހަވަނަ ޕެނަލްޓީވެސް ދެޓީމުން ކާމިޔާބުކޮށްފައިވަނިކޮށް ބްރައިޓަންގެ ހަތްވަނަ ޕެނަލްޓީ ޖަހަން ދިޔަ ސޮލީ މާރޝް ޖެހި ޕެނަލްޓީ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ. ނަތީޖާއަކަށް ވެގެންދިޔައީ ޔުނައިޓެޑްގެ ހަތްވަނަ ޕެނަލްޓީ ވިކްޓަރ ލިންޑެލޯފް ކާމިޔާބުކޮށް ފައިނަލްގެ ޖާގަ ކަށަވަރު ކުރުމެވެ.

މިކާމިޔާބީއާއެކު މިމުބާރާތުގެ ފައިނަލްގައި މެންޗެސްޓަރ ޔުނައިޓެޑް ބައްދަލުކުރާނީ ސެމީފައިނަލްގެ ފުރަތަމަ މެޗް ކާމިޔާބުކުރި މެންޗެސްޓަރ ސިޓީ އާއެވެ. މިއީ އެފް އޭ ކަޕްގެ ފައިނަލްގައި މެންޗެސްޓަރ އަށް ނިސްބަތްވާ މިދެޓީމް ބައްދަލުކުރާ ފުރަތަމަ ފަހަރެވެ. ޖޫން މަހުގެ 3 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ މިފައިނަލް ވެގެންދާނީ މިސީޒަންގައި ޔުނައިޓެޑް ވާދަކުރާ ދެވަނަ ކަޕް ފައިނަލްއަަށެވެ. މިސީޒަންގެ ކަރަބާއޮ ކަޕް ކާމިޔާބު ކޮށްފައިވަނީވެސް ޔުނައިޓެޑުންނެވެ.