ކުޅިވަރު

ޓޮޓްނަމް އަތުން ބޮޑު މޮޅެއް ހޯދައި ނިއުކާސަލުން އުއްމީދު އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ޓޮޓްނަމް ހޮޓްސްޕާ ބަލިކޮށް ގަދަ ހަތަރަކުން ޖާގަ ހޯދުމަށް ނިއުކާސަލް ޔުނައިޓެޑުން ކުރަމުންދާ އުއްމީދު އާކޮށްފިއެވެ.

ނިއުކާސްލްގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ މާފަސޭހަކަމާއެކު ހަ ލަނޑު އެއްލަނޑުންނެވެ.

ނިއުކާސްލްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި އެޓީމްގެ ފެށުން ވަރަށް ރަނގަޅުވި އިރު ސްޕަރސް ފެނިގެންދިޔައި މިހާތަނަށް މިސީޒަންގައި ނުފެއްނަހާ އާދައިގެ ގޮތެއްގައެވެ. މިގޮތުން މެޗްގެ ފުރަތަމަ އެކާވީސް މިނެޓްގެ ތެރޭގައި ނިއުކާސްލްއިން ވަނީ ފަސް ލަނޑުގެ ލީޑެއް މިމެޗްގައި ނަގާފައެވެ. މިމެޗްގެ ފުރަތަމަ ލަނޑު ނިއުކާސްލްއަށް ކާމިޔާބުކޮށްދިނީ މެޗްގެ 2 ވަނަ މިނެޓްގެ ތެރޭގައި ޖޭކޮބް މަރފީއެވެ. އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ވަނީ ޖޯލިންޓަން ކާމިޔާބުކޮށްދީ އެޓީމްގެ ލީޑު ފުޅާކޮށްދީފައެވެ. އަދި އޭގެ ތިން މިނެޓް ފަހުން މަރފީ ވަނީ ތިންވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ.

މިމެޗްގައި ނިއުކާސްލްގެ ހަތަރު ވަނަ ލަނޑާއި ފަސްވަނަ ލަނޑު މެޗްގެ 19 ވަނަ މިނެޓާއި 21 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ އެލެގްޒެންޑަރ އިސާކްއެވެ. މިމެޗްގައި ސްޕަރސްއިން ކާމިޔާބު ކުރި ހަމައެކަނި ލަނޑު މެޗްގެ 49 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ހެރީ ކޭންއެވެ. އަދި ނިއުކާސްލްގެ ފަހު ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ ކެލުމް ވިލްސަންއެވެ. ގަދަ ހަތަރަކުން ޖާގަހޯދާ މިއަންނަ ސީޒަންގައި ޗެމްޕިއަންސް ލިގުގެ ޖާގައެއް ހޯދުމަށް މަސައްކަތް ކުރަމުންދާ މިދެޓީމްގެ މިކުރިމަތިލުން ވަރަށް ވާދަވެރި ވާނެކަމަށް ކުރިން ބެލެވިގެންދިޔަ ނަމަވެސް މިވަރުގެ މެޗަކަށް އެއްވެސް ވަރަކަށް ސްޕަރސްއިން ތައްޔާރުވެފައިނުވާކަން މެޗް ފެށުމާއެކު ހާމަވެގެންދިޔައެވެ. އަދި ނާކާމިޔާބީ ގިނަ ބަޔަކު ސިފަކުރަނީ ސްޕަރސްއަށް ލަދުވެތި ބައްޔެއްގެގޮތުގައެވެ.

މިކާމިޔާބީއާއެކު ނިއުކާސްލްއިން މިވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 59 ޕޮއިންޓާއެކު ވަގުތީ ގޮތުން ތާވަލްގެ ތިންވަނައަށް ކުރިއަށް ޖެހިލާފައެވެ. ނަމަވެސް ތާވަލްގެ ހަތަރުވަނައިގާ ފައިދާ ގޯލްގެ ތަފާތުން މިވަގުތު އުޅޭ މެންޗެސްޓަރ ޔުނައިޓެޑް އެއްމެޗް ނުކުޅެ އޮތުމުން އެމެޗް ޔުނައިޓެޑް ކާމިޔާބުކޮށް ނުވަތަ އެއްވަރު ކޮށްފިނަމަ ނިއުކާސްލް އަނެއްކާ ހަތަރުވަނައަށް ވެއްޓިގެންދާނެއެވެ. ނަމަވެސް މިވަގުތު ފަސް ވަނައިގާ 53 ޕޮއިންޓާއެކު އުޅޭ ސްޕަރސް އާއި ދެމެދު ހަ ޕޮއިންޓްގެ ތަފާތެއް އޮތުމާއެކު ގަދަ ހަތަރަކުން ޖާގައެއް ހޮދުމުގެ ފުރުސަތު ނިއުކާސްލްއިން މިވަނީ އިތުރު ކޮށްފައެވެ.