އިޓާލިއަން ލީގުގައި ލެއްޗެއާ ދެކޮޅަށް ކުޅުނު މެޗު އެންމެ ފަހުގެ ޗެމްޕިއަން އޭސީ މިލާނުން ކާމިޔާބުކޮށްފިއެވެ.
މިލާންގެ ދަނޑުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ 2 ލަނޑު ސުންލަނޑުންނެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު މިލާންއިން ބޯޅަ ގެންގުޅުނު ނަމަވެސް ގިނަ ހަމަލާ އުފައްދާފައިވަނީ ލެއްޗެއެވެ. މިއާއެކުވެސް ލެއްޗެ އަށް މިލާންގެ ގޯލް ފޫއަލުވާލެވޭގޮތެއްނުވިއެވެ. މިމެޗްގައި މިލާންގެ ފުރަތަމަ ލަނޑު މެޗްގެ 40 ވަނަ މިނެޓްގައި ޖަހާދިނީ މިސީޒަންގައި މިލާނަށް މޮޅު ކުޅުމެއް ދައްކަމުންދާ ޕޯޗުގަލްގެ ފޯވަޑް ރަފައެލް ލިއާއޮއެވެ. އަދި އެޓީމްގެ ދެވަނަ ލަނޑު މެޗްގެ 74 ވަނަ މިނެޓްގައި ޖަހާދިނީވެސް ލިއާއޮއެވެ.
މިކާމިޔާބީއާއެކު މިލާން މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 56 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ހަތަރު ވަނއިގާ އުޅޭ ރޯމާ ޕޮއިންޓްގެ ގޮތުން މިހާރު ހަމަވެފައިވީ ނަމަވެސް ފައިދާ ގޯލާއި އެކު ކުރީގައި އުޅެނީ ރޯމާއެވެ. މީގެއިތުރުން ރޯމާ އަދި ނުކުޅެ އެއްމެޗް އެބައޮތެވެ. މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލުން ޖާގަހޯދާފައިވާ އިޓާލިއަން ސެރީއާގެ ދެޓީމް ކަމަށްވާ އޭސީ މިލާނާއި އިންޓަރ މިލާންވެސް މިވަގުތު އުޅެނީ ޗެމްޕިއަންސް ލީގުގެ ޖާގައެއް ލިބޭ ހިސާބުން ބޭރުގައެވެ. ނަމަވެސް މިދެޓީމަށްވެސް ގަދަ ހަތަރަކަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މިމެޗުން ބަލިވުމުން ލެއްޗެ އުޅެނީ 28 ޕޮއިންޓާއެކު ތާވަލްގެ 16 ވަނައިގައެވެ.