ކުޅިވަރު

އީގަލްސް މެޗުވެސް ވެލެންސިއާއިން ފަސޭހަކޮށް ނުނަގާނެ: ފެސްކޯ


ކޮންމެ މެޗަކާވެސް ކުރިމަތިލަނީ ރަނގަޅު ނަތީޖާއަކަށް ކަމަށާއި، އެހެންކަމުން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުވެސް ފަސޭހަކޮށް ނުނަގާނެ ކަމަށް ކުލަބު ވެލެންސިއާގެ ކޯޗު އަޙްމަދު މުޖުތަބާ (ފެސްކޯ) ބުނެފިއެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ވެލެންސިއާ އާއި އީގަލްސް ވާދަކުރާއިރު މި މެޗަކީ ފުރަތަމަ މުބާރާތް ފަށަން ކުޅެން އޮތް މެޗު ނަމަވެސް ދިމާވި ހާލަތެއްގެ ސަބަބުން މެޗު ފަސްކުރަން ޖެހުނީއެވެ. އެ މެޗު ފަސްކުރުމާ އެކު ގްރޫޕް އޭއިން ސެމީގެ ޓީމުތައް އަދި ޔަގީންވެފައިނުވާ އިރު، ފުރުސަތު ބޮޑުކޮށް އޮތީ ކްލަބު އީގަލްސް އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށެވެ.

މެޗުގެ ކުރިން އާދީއްތަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ފެސްކޯ ބުނީ ކުލަބު އޮތް ހާލަތުން އެއްވެސް އުޒުރެއް ދައްކަން ބޭނުންނުވާ ކަމަށާއި ކޮންމެ މެޗަކާއި ވެސް އެ ޓީމު ކުރިމަތިލާނީ ރަނގަޅު ކާމިޔާބީއެއް ހޯދުމުގެ އަޒުމުގައި ކަމަށެވެ. އަދި ކޮންމެ މެޗެއްވެސް ނަގާނީ ސީރިއަސްކޮށް ކަމަށްވެސް ބުންޏެވެ.

ވެލެންސިއާއަށް މި މެޗަކީ މުހިއްމު މެޗެކެވެ. އަދި މުބާރާތުން މޮޅެއް ހޯދިފައިނުވާ ވެލެންސިއާ މި މުބާރާތުގެ ސެމީފައިނަލުން ދިއުމުގެ އުއްމީދެއް ލިބެން އޮތީ އީގަލްސްއާއި ދެކޮޅަށް ރަނގަޅު ނަތީޖާއެއް ނެރެގެންނެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ގްރޫޕް ސްޓޭޖް ފަހު މެޗުގައި ވެލެންސިއާ އާއި އީގަލްސް ބައްދަލުކުރާ މެޗު ފަށާނީ ހޯމަ ދުވަހުގެރޭ 22:00 ގައެވެ.