ކުޅިވަރު

ޗެމްޕިއަން ވެލެންސިއާ ކަޓައި، އީގަލްސް އާއި ސަސް ސެމީއަށް


މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގައި ކުލަބު އީގަލްސް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ވެލެންސިއާ މުބާރާތުން ކެޓިއިރު، އީގަލްސް އާއެކު ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި ހޯމަ ދުވަހުގެރޭ ކުޅުނު ގްރޫޕް އެކެއްގެ މެޗުން އީގަލްސް މޮޅުވީ ވެލެންސިއާ އަތުން ފަސޭހަކަމާއެކު 4-0 ގެ ނަތީޖާއަކުންނެވެ.

ހަ ޓީމު ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްދާ މި މުބާރާތުގެ ގްރޫޕް އެކަކުން ސެމީއަށް އީގަލްސް އާއި ސަސް ދަތުރުކުރިއިރު، ކުޅުނު ދެ މެޗުންވެސް މޮޅުވެ ހަ ޕޮއިންޓާއެކު މި ގްރޫޕުގެ އެއްވަނަ ލިބުނީ އީގަލްސްއަށެވެ. އަދި ދެވަނަ ލިބުން ސަސްއަށް ތިން ޕޮއިންޓް ލިބުނުއިރު، ވެލެންސިއާ މުބާރާތް ނިންމާލީ ދެ މެޗުންވެސް ޕޮއިންޓެއް ނުލިބިއެވެ.

ހޯމަ ދުވަހުގެރޭ ކުޅުނު މެޗުގައި އީގަލްސްއިން ލީޑު ނަގާފައިވަނީ މެޗުގެ 11 ވަނަ މިނެޓުގައެވެ. އޭރިއާ ތެރެއިން ލިބުނު ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އިސްމާޢީލް އީސަ (މެސީ) އެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން މެޗުގެ 37 ވަނަ މިނެޓުގައި ހިލޭ ޖެހުމަކުން އީސަ ވަނީ ލަނޑެއް ޖަހައި، އީގަލްސްއަށް ލީޑު ފުޅާކޮށްދީފައެވެ.

މި މެޗުގެ 65 ވަނަ މިނެޓުގައި ނިޝާމް މުޙައްމަދު ރަޝީދު (ޕޮގްބާ) ދިން ބޯޅައަކުން އީގަލްސްގެ ތިންވަނަ ލަނޑު ޖަހައިދިނީ ފުރަތަމަ ހާފުގައި ބަދަލަކަށް ކުޅެން ނުކުތް އަޙްމަދު ރިޒުވާން (ރިޒޭ) އެވެ. އަދި އީގަލްސްގެ ފަހު ލަނޑު އޭގެ ނުވަ މިނެޓު ފަހުން ކާމިޔާބުކޮށްދިނީ އަޙްމަދު ހަސަން (އަންމަޑޭ) އެވެ.

މި މޮޅާއެކު އީގަލްސް ސެމީއަށް ދަތުރުކުރިއިރު، ސެމީގައި އެ ޓީމު ބައްދަލުކުރާނީ ގްރޫޕް ދޭއްގެ ދެވަނަ ހޯދި ބުރު ސްޕޯޓްސް ކުލަބާއެވެ. އަދި ސެމީގައި ސަސް ނުކުންނާނީ ގްރޫޕް ދޭއްގެ އެއްވަނަ މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާ ދެކޮޅަށެވެ. މި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ކުޅުމަށް ހަމަޖެހިފައިވަނީ އަންނަ ބުރާސްފަތި ދުވަހެވެ.