ޚަބަރު

އަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 446.7 މިލިއަން ރުފިޔާ


މިއަހަރުގެ މިހާތަނަށް މަސްވެރިން ކިރުވި މަހަށް 446.7 މިލިއަން ރުފިޔާ ދޫކޮށްފައިވާކަމަށް މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ، މިފްކޯއިން ހާމަކޮށްފިއެވެ.

މިފްކޯއިން އާއްމުކުރި ތަފާސްހިސާބުތައް ދައްކާގޮތުން އޭޕްރިލް މަހުގެ 21 ގެ ނިޔަލަށް ޖުމުލަ 26،954 މެޓްރިކް ޓަނުގެ މަސް ވަނީ ކިރުވާފައެވެ. އެއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %14 އިތުރު އަދަދެކެވެ.

މިދިޔަ އަހަރުގެ މިމުއްދަތުގެ ތެރޭގައި މަސްވެރިން ކިރުވި މަހަށް ޖެހުނު ފައިސާގެ ޢަދަދަކީ 380.7 މިލިއަން ރުފިޔާއެވެ. އެއީ 23،732 މެޓްރިކް ޓަނުގެ މަހެވެ.

ތަފާސްހިސާބަށް ބަލާއިރު މިއަހަރު އެންމެ ގިނައިން މަސް ކިރުވާފައި ވަނީ ގއ.ކޫއްޑޫއަށެވެ. ކޫއްޑޫއަށް 20،227 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވެއެވެ. ކޫއްޑޫއަށް ކިރުވިމަހުން މަސްވެރިންނަށް 339.3 މިލިއަން ރުފިޔާ ޖެހެއެވެ.

ކޫއްޑޫއަށް ފަހު ދެން އެންމެ ގިނައިން މަސް ކިރުވާފައި ވަނީ ފެލިވަރަށެވެ. ފެލިވަރަށް 3،577 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަމަށް މިފްކޯގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެއީ 54.2 މިލިއަން ރުފިޔާގެ މަހެވެ.

ތިންވަނައަށް އެންމެ ގިނައިން މަސްކިރުވާފައިވާ އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއަށް 3،151 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާއިރު، މިއީ 53.3 މިލިއަން ރުފިޔާއެވެ. މިއަހަރުގެ މިހާތަނަށް އައިއިރު، ރާއްޖޭގެ މަސްވެރިކަން ރަނގަޅު ކަމަށް މިފްކޯއިން ފާހަގަކުރެއެވެ.

މިފްކޯއިން އަންނަނީ ގޮންޖެހުންތަކާއެކުވެސް މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން މިފްކޯގެ މަސް ކާރުޚާނާތައް އަޕްގްރޭޑުކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. އަދި މަސް ގަންނާނެ އިތުރު ބޯޓެއްވެސް މިހާރު ވަނީ ރާއްޖެ ގެނެސްފައެވެ. މީގެ އިތުރަށް ތ. އަތޮޅު ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް އެތަން ހިންގުމަށް ފިޝަރީޒް މިނިސްޓްރީން މިހާރު ވަނީ މިފްކޯއަށް ހަވާލުކުރައްވާފައެވެ.

ތ. ފުނައްޑޫ އޮޕަރޭޝަނަށް ގެނެސް، މަސް ގަތުމުގެ މަސައްކަތް ފެށުމަށް، 236 މިލިއަން ރުފިޔާ އިންވެސްޓް ކުރަންޖެހޭ ކަމަށް މިފްކޯއިން ވަނީ ބުނެފައެވެ. ރަށުގެ ތަންތަން މަރާމާތުކޮށް، ބޭނުންވާ ވަޞީލަތްތައް ޤާއިމްކުރުމަށް 90 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށާއި އަދި ފުނައްޑޫ ބަނދަރު މަސްގަނެވޭ ފެންވަރަށް ތަރައްޤީކުރުމަށް 146 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށްވެސް މިފްކޯއިން ލަފާކުރެއެވެ.