ކުޅިވަރު

ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕުގެ ގަދަ 32 ގެ ޖާގައެއް ޒަޔާނަށް


ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ) ގެ ސިޓީއެއް ކަމަށްވާ ދުބާއީގައި މިހާރު ކުރިއަށްދާ ބެޑްމިންޓަން އޭޝިއާ ޗެމްޕިއަންޝިޕުގެ ގަދަ 32 ކުޅުންތެރިން ވާދަކުރާ ބުރަށް ރާއްޖޭގެ ޒަޔާން ޒަކީ ކޮލިފައިވެއްޖެއެވެ.

ގަދަ 32 ގެ ޖާގައެއް ޒަޔާން ހޯދީ އަންގާރަ ދުވަހު ކުޅުނު ފިރިހެން ސިންގަލްސް ކޮލިފައިން ބުރުގެ ދެ މެޗުންވެސް މޮޅުވެގެންނެވެ.

އަންގާރަ ދުވަހު ފެށި މި މުބާރާތުގައި ޒަޔާން ވަނީ ފިރިހެން ސިންގަލްސްގެ ކޮލިފައިން ބުރުގެ ފުރަތަމަ މެޗުން ބްރޫނާއީ ދާރުއްސަލާމުގެ ކާ ކިޓް ކާން އަތުން ދެ ސެޓު އެއް ސެޓުން މޮޅުވެފައެވެ. މި މެޗުގެ ފުރަތަމަ ސެޓު 21-11 އިން ޒަޔާން ގެންދިޔަ ނަމަވެސް، ކާ ވަނީ ދެވަނަ ސެޓު 16-21 އިން ގެންގޮސް ނަތީޖާ އެއްވަރުކޮށްފައެވެ. އެކަމަކު ޒަޔާން ވަނީ 21-15 އިން ފަހު ސެޓު ގެންގޮސް މެޗުން މޮޅުވެފައެވެ.

މި މުބާރާތުގައި ކުޅުނު ދެވަނަ މެޗުގައި ޒަޔާން ވާދަކުރީ ޔުއޭއީގެ މުޙައްމަދު ފަލަމަރްޒީ އާއެވެ. މި މެޗުން ޒަޔާން މޮޅުވީ ފަސޭހަކަމާއެކު ސީދާ ސެޓުންނެވެ. މެޗުގެ ސެޓުތައް ޒަޔާން ގެންގޮސްފައިވަނީ 21-5 އަދި 21-5 އިންނެވެ.

ގަދަ 32 ކުޅުންތެރިންގެ ބުރުގައި ޒަޔާން ބުދަ ދުވަހު ނުކުންނާނީ ޖޯޑަންގެ ބަހާއްދީން އަޙްމަދު އަލްޝާނިކާ ދެކޮޅަށެވެ. ދުނިޔޭގެ ރޭންކިންގެ ސިންގަލްސްގައި ބަހާއްދީން 102 ވަނައިގައި އޮތްއިރު، ޒަޔާން އޮތީ ރޭންކިންގެ 330 ވަނައިގައެވެ.

އަންނަ އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގައި ޒަޔާން އާއެކު ރާއްޖޭގެ ގައުމީ ޓީމުގެ ފަސް ކުޅުންތެރިއަކު ވާދަކުރެއެވެ. އެއީ ޒަޔާނުގެ އިތުރުން މުޙައްމަދު އަޖުފާނާއި، ނިބާލް އަޙްމަދާއި، ފާތިމަތު ނަބާހާ އަދި އާމިނަތު ނަބީހާއެވެ.

މި މުބާރާތުގެ އަންހެން ސިންގަލްސް ކޮލިފައިންގައި ނަބާހާ ބަލިވީ ކަޒަކިސްތާންގެ ކަމީލާ ސްމަގުލޯވާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. މެޗުގެ ސެޓުތައް ދިޔައީ 17-21 އަދި 15-21 އިންނެވެ.

ފިރިހެން ޑަބަލްސް ކޮލިފައިންގައި ރާއްޖޭގެ ނިބާލް އާއި އަޖުފާންގެ ޕެއާ ކުޅުނު ދެ މެޗުންވެސް ވަނީ ބަލިވެފައެވެ. އެ ގޮތުން ހޮންކޮންގުގެ ލައު ޗުކް ހިމް އާއި ޔުންގް ޝިން ޓޯއިގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވިއިރު، މެޗުގެ ސެޓުތައް ދިޔައީ 21-10 އަދި 21-8 އިންނެވެ. އަދި ތައިލަންޑުގެ ތަނަދޯން ފުންފަނިޗާއި ވަޗިރަވިތު ސޮތޯންގެ ޕެއާ އަތުންވެސް ބަލިވީ ސީދާ ދެ ސެޓުންނެވެ. އެއީ 21-5 އަދި 21-4 އިންނެވެ.

މީގެ އިތުރުން އަންހެން ޑަބަލްސް ކޮލިފައިންގައި ރާއްޖޭގެ ނަބާހާ އާއި ނަބީހާގެ ޕެއާ ވަނީ އިންޑިއާގެ ސިމްރަން ސިންގް އާއި ރިތިކާ ޓާކަރުގެ ޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. އެއީ 21-10 އދި 21-15 އިންނެވެ. އަދި ދެވަނަ މެޗުގައި ވަނީ ފިލިޕީންސްގެ އަލީސާ ވައިސަބަލް އާއި ތެއާ މާރީ ޕޯމާރުގެ ޕެއާ އަތުންވެސް ސީދާ ދެ ސެޓުން ބަލުވެފައެވެ. އެ މެޗުގެ ސެޓުތައް ދިޔައީ 21-12 އަދި 21-10 އިންނެވެ.

މިކްސް ޑަބަލްސް ކޮލިފައިން ބުރުގައި ރާއްޖޭގެ ޒަޔާން އާއި ނަބާހާގެ ޕެއާ ކުޅުނު މެޗުގައި ވަނީ ލަންކާގެ ޗަމަތު ޑިއާސް އާއި ނަތާޝާ ގުނަސޭކަރާޕެއާ އަތުން ސީދާ ދެ ސެޓުން ބަލިވެފައެވެ. ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މި މެޗުގެ ސެޓުތައް ދިޔައީ 21-19 އަދި 23-21 އިންނެވެ.