ކުޅިވަރު

ފުލަމް ބަލިކޮށް އެސްޓަން ވިލާ ތާވަލުގެ ފަސްވަނައަށް


އިނގިރޭސި ޕްރިމިއާ ލީގުގައި ފުލަމް ބަލިކޮށް ތާވަލުގެ ފަސްވަނައަށް އެސްޓަން ވިލާ ކުރިއަށް ޖެހިލައިފިއެވެ.

ވިލާގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ އެއްލަނޑު ސުންލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވިލާއިން ވަނީ އެޓީމުން ފަހަކަށް އައިސް ދައްކަމުންދާ މޮޅު ކުޅުން ދައްކާފައެވެ. މިގޮތުން މެޗްގެ ބޮޑުބައި ކޮންޓްރޯލް ކުރިއިރު ގިނަ ހަމަލާ އުފައްދާފައިވަނީވެސް ވިލާއިންނެވެ. މިމެޗްގައި ފުލަމްއަށް އެންމެ ހަމަލާއެއް އުފެއްދުނު އިރު އެހަމަލާވެސް ގޯލަށް އަމާޒުވެފައެއް ނުވެއެވެ. މިމެޗްގައި ވިލާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 21 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ޓައިރޯން މިންގްސްއެވެ. މިއީ 2021 ވަނ ައަހަރުގެ ސީޒަންގެ ނޮވެމްބަރު މަހަށްފަހު އޭނާ ލީީގުގައި ކާމިޔާބުކުރި ފުރަތަމަ ލަނޑެވެ.

މިކާމިޔާބީއާއެކު ވިލާއިން މިހާރުވަނީ ކުޅުނު 33 މެޗުން ލިބިފައިވާ 54 ޕޮއިންޓާއެކު ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި މިއާއެކު މިއަންނަ ސީޒަންގައި ޔޫރަޕްގައި ކުޅުމުގެ އުންމީދު މިވަނީ އާވެގެން ގޮސްފައެވެ. އެޓީމުން އެންމެ ފަހުން ޔޫރަޕްގެ މުބާރާތެއްގައި ވާދަކޮށްފައިވަނީ 2010 ވަނަ އަހަރުއެވެ. އަދި މިކާމިޔާބީއާއެކު ވިލާއިން މިވަނީ އެޓީމް އެންމެ ފަހުން ލީގުގައި ކުޅުނު 10 މެޗްގައިވެސް ބަލިނުވެ ހިފަހައްޓާލާފައެވެ. މިމެޗުން ބަލިވުމުން ފުލަމް އުޅެނީ 45 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.