ސްޕެނިޝް ލީގުގައި ޖިރޯނާ އަތުން އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ބަލިވެއްޖެއެވެ.
ޖިރޯނާގެ ދަނޑުގައި އަންގާރަ ދުވަހުގެރޭ ކުޅުނު މެޗުން ރެއާލް ބަލިވެފައިވަނީ ހަތަރު ލަނޑު ދެލަނޑުންނެވެ.
ރެއާލްއިން މެޗްގެ ބޮޑު ބައި ކޮންޓްރޯލްކޮށް އަދި ގިނަ ހަމަލާ އުފެއްދި މިމެޗްގައި ޖިރޯނާގެ ތަރިއަކަށް ވެގެންދިޔައީ ވެލެންޓިން ކަސްޓެޔާނޯސްއެވެ. އޭނާވަނީ މިމެޗްގައި ޖިރޯނާއިން ކާމިޔާބުކުރި ހަތަރު ލަނޑުވެސް އެޓީމަށް ކާމޔާބުކޮށްދީ ހެޓްރިކެއްވެސް ހަދާފައެވެ. ނިއުޔޯކް ސިޓީ ޓީމުން ލޯން އެއްބަސްވުމެއްގެ ދަށުން ޖިރޯނާއަށް ކުޅެމުންދާ ކަސްޓެޔާނޯސް މިމެޗްގެ ފުރަތަމަ ލަނޑު ޖަހާ ޖިރޯނާއަށް ލީޑު ނަގާދިނީ މެޗްގެ 12 ވަނަ މިނެޓްގައެވެ. އަދި އޭގެ 12 މިނެޓްފަހުން އޭނާވަނީ ޖިރޯނާގެ ލީޑު ފުޅާކޮށްދީފައެވެ.
މިމެޗްގައި ރެއާލްގެ ފުރަތަމަ ލަނޑު މެޗްގެ 34 ވަނަ މިނެޓްގައި ޖަހާ ދެޓީމްގެ ތަފާތު އެއް ލަނޑަށް ބަދަލުކޮށްދިނީ ވިނީޝިއަސް ޖޫނިއަރއެވެ. ނަމަވެސް ދެވަނަ ހާފްގެ ކުޅުން ފެށިތާ ފުރަތަމަ މިނެޓްގެ ތެރޭގައި ކަސްޓެޔާނޯސްވަނީ އޭނާ މިމެޗްގައި ކާމިޔާބުކުރި ތިންވަނަ ލަނޑު ޖަހާ ހެޓްރިކް ފުރިހަމަ ކޮށްފައެވެ. އަދި މެޗްގެ 62 ވަނަ މިނެޓްގައި އޭނާވަނީ ޖިރޯނާއަށް މިމެޗްގައި ތިން ލަނޑުގެ ލީޑެއް ނަގާދީފައެވެ. މިއާއެކު ކަސްޓެޔާނޯސް މިވަނީ ވޭތުވެދިޔަ 75 އަހަރުގެ ތެރޭގައި ރެއާލް ކޮޅަށް އެއްމެޗެއްގައި ހަތަރު ލަނޑު ޖެހި ފުރަތަމަ ކުޅުންތެރިޔާއަށް ވެގެން ގޮސްފައެވެ. އެންމެ ފަހުން ރެއާލް ކޮޅަށް އެއްމެޗެއްގައި ހަތަރު ލަނޑަށްވުރެ ގިނައިން އެއް ކުޅުންތެރިޔަކަށް ކާމިޔާބުކުރެވިފައިވަނީ 1947 ވަނަ އަހަރު ރެއާލް އޮވިއެޑޯގެ އެސްޓެބާން އެޗަވޭރިއާއެވެ. އެޗަވޭރިއާވަނީ އެމެޗްގައި ރެއާލް ކޮޅަށް ފަސް ލަނޑު ޖަހާފައެވެ. މިމެޗްގައި ރެއާލްގެ ދެވަނަ ލަނޑު އެޓީމަށް މެޗްގެ 85 ވަނަ މިނެޓްގައި ޖަހާދިނީ ލޫކަސް ވަޒްކުއޭޒްއެވެ.
މިކާމިޔާބީއާއެކު ޖިރޯނާ މިހާރުވަނީ އެޓީމް ކުޅުނު 31 މެޗުން ލިބިފައިވާ 41 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ރެއާލް އުޅެނީ 31 މެޗުން ލިބިފައިވާ 65 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. އަދި މިއާއެކު އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު ކުޑަކުރުމަށް ލިބިގެންދިޔަ ފުރުސަތު މިވަނީ ގެއްލިގެން ގޮސްފައެވެ.