ކުޅިވަރު

"އާސެނަލާއި ސިޓީގެ މެޗަކީ ލީގު ކާމިޔާބުކުރާނެ ޓީމެއް ކަނޑައަޅާ މެޗަށް ވެގެންނުދާނެ"


އިނގިރޭސި ޕްރިމިއާ ލީގުގެ ތާވަލުގެ އެންމެ ކުރީގައި އުޅޭ އާސެނަލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރާ މެޗަކީ ލީގު ކާމިޔާބުކުރާނެ ޓީމު އެނގިގެންދާނެ މެޗަށް ވެގެންނުދާނެ ކަމަށް ދެ ޓީމުގެ ކޯޗުން ހާމަކޮށްފިއެވެ.

ބުދަ ދުވަހުގެރޭ އެންމެ ފަހުގެ ޗެމްޕިއަން ސިޓީގެ އިންތިހާދު ސްޓޭޑިއަމްގައި ކުޅޭ މެޗަށް ނިކުންނައިރު ތާވަލްގެ އެއްވަނައިގާ 75 ޕޮއިންޓާއެކު އުޅެނީ އާސެނަލްއެވެ. އަދި ސިޓީ އުޅެނީ ފަސް ޕޮއިންޓް ފަހަތުން ތާވަލްގެ ދެވަނައިގައެވެ.

ގިނަ ބަޔަކު ގަބޫލް ކުރާގޮތުގައި މިއީ ވޭތުވެދިޔަ ދިހަ ވަރަކަށް އަހަރުގެ ތެރޭގައި ޕްރިމިއަރ ލީގުގައި ކުޅޭ އެންމެ މުހިންމު އެއްމެޗަށް ވެގެންދާނެއެވެ. ނަމަވެސް ދެޓީމްގެ ކޯޗުން މިއީ މުހިންމު މެޗެއްކަމަށް ގަބޫލް ކުރި ނަމަވެސް މިއީ ލީގު ކާމިޔާބު ކުރާނެ ޓީމް ކަށަވަރު ވގެންދާނެ މެޗަށް ވެގެންނުދާނެއެވެ.

ސިޓީގެ ކޯޗް ޕެޕް ގާޑިއޯލާ ހާމަކުރިގޮތުގައި މިއީ ވަރަށް މުހިންމު މެޗެކެވެ. ނަމަވެސް ސީޒަންގައި އަދި މުހިންމު އަދި ވަރުގަދަ މެޗްތަކެއް ދެޓީމަށްވެސް ހުރުމުން މިއީ ލީގު ކާމިޔާބު ކުރާނެ ޓީމެއް ޔަގީންކުރެވޭނެމެޗަށް ވެގެންނުދާނެއެވެ. އާސެނަލްގެ ކޯޗް މިކޭލް އާޓޭޓާ ހާމަކުރިގޮތުގައި މިރޭގެ މެޗް އޭނާގެ ޓީމަށް ކާމިޔާބު ކުރެވުނު ނަމަވެސް ލީގު ކާމިޔާބު ނުވާކަމަށެވެ. ފަހަރެއްގައި ލީގު ކާމިޔާބު ކުރާނެކަމަށް ބެލެވޭ ޓީމަށް ލިބޭ ޕަސެންޓޭޖް އިތުރު ވެގެން ހިނގައިދާނެކަމަށާއި ނަމަވެސް ލީގުގައި ބާކީ އޮތީވެސް ވަރަށް އުނދަގޫ ފަސް މެޗެވެ. އަދި އިއްތިހާދަށް ދާން ޖެހޭކަން މިއީ ކުރިވެސް އެނގޭ ކަމެއް ކަމަށާއި މިއީ ވަރަށް އުނދަގޫ މެޗަކަށްވެސް ވެގެންދާނެކަމަށެވެ. ނަމަވެސް މިއީ މިސީޒަން ކަނޑައެޅިގެންދާމެޗް ނޫން ކަމަށް އާޓޭޓާ ތަކުރާރު ކުރިއެވެ.

ސްޕެއިިން އަށް ނިސްބަތްވާ މިދެ ކޯޗުންވަނީ އެކުގައި ސިޓީގައި މަސައްކަތް ކޮށްފައެވެ. އަދި އާސެނަލްގެ ކޯޗް ކަމާއި ހަވާލުވުމަށްޓަކައި އާޓޭޓާ ސިޓީ ދޫކޮށް ދިޔައީ 2019 ވަނަ އަހަރުއެވެ. ޕެޕް ހާމަކުރިގޮތުގައި މިހާރު އޭނާ އާއި އާޓޭޓާ ދެމީހުން ބައްދަލުކުރާ އަދަދު މަދުވެފައިވާކަމަށާއި ނަމަވެސް ދެޓީމުންގެ މެދުގައި އޮތް ގާތްކަމަކަށް ބަދަލެއް ނާންނަ ކަމަށެެވެ.

މިމެޗަށް ނިކުންނައިރު ސިޓީއަށް ދިމާވެފައިވާ އަނިޔާގެ ހަމައެކަނި މައްސަލައަކީ ޑިފެންޑަރ ނޭތަން އައިކަރއެވެ. އޭނާގެ ފައިގެ ފަލަމަސްކަނޑަށް އަނިޔާވެފައިވުމުގެ ސަބަބުން އެފް އޭ ކަޕް ސެމީ ފައިނަލް މެޗްގައިވެސް ނުކުޅެއެވެ. އޭގެ ބަދަލުގައި ފިލް ފޯޑަން ވަނީ އެނބުރި ޓީމާގުޅިފައެވެ. އާސެނަލްއަށް ބަލާލާއިރު ޑިފެންދަރ ވިލިއަމް ސަލީބާގެ ބުރަކައްޓަށް އަނިޔާވެފައިވުމުގެ ސަބަބުން މިމެޗްގައި ފެނިގެންދާނެކަމަކަށް ނުބެލެވެއެވެ. އަދި މެދުތެރެއަށް ކުޅޭ ގްރަނިޓް ޜަކާގެ ފިޓްނަސް އެނގިގެންދާނީ އެންމެ ފަހު ވަގުތު ކަމަށް ބެލެވެއެވެ. މިމެޗް ފެށުމަށް ހަމަޖެހިފައިވަނީ މިރޭ ރާއްޖޭގަނޑިން ދަންވަރު ބާރަ ޖަހާއިރުއެވެ.