އިނގިރޭސި ޕްރިމިއާ ލީގުގެ އެއްވަނައިގައި އޮތް އާސެނަލް ބަލިކޮށް އެންމެ ފަހުގެ ޗެމްޕިއަން މެންޗެސްޓާ ސިޓީން ދެ ޓީމުގެ މެދުގައިވާ ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
ސިޓީގެ ދަނޑުގައި ރޭ ކުޅުނު މެޗް އެޓީމުން ކާމިޔާބުކުރީ ހީކުރި ވަރަށް ވުރެ ފަސޭހަ ކަމާއެކު ހަތަރު ލަނޑު އެއްލަނޑުންނެވެ.
މިސީޒަންގެ ޕްރިމިއަރ ލީގު ކާމިޔާބު ކުރާނެ ޓީމެއް ކަނޑައެޅިގެންދާނެ މެޗްގެ ގޮތުގައި ގިނަ ބަޔަކު ސިފަކުރި މިމެޗްގައި ސިޓީގެ ފަރާތުން ފެނިގެންދިޔައީ ވަރަށް މޮޅު ކުޅުމެކެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ ހަތްވަނަ މިނެޓްގައި ޖަހާ މިމެޗްގެ ލީޑު ނެގީ ސިޓީއިންނެވެ. މިލަނޑު އަރލިންގ ހާލަންޑް ތަނަވަސްކޮށްދިން ފުރުސަތެއްގައި ކާމިޔާބުކުރީ ކެވިން ޑި ބްރުއިނަރއެވެ. ސިޓީއިން މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑު ފުރަތަމަ ހާފްގެ އިތުރު ވަގުތުގައި ލިބުނު ހިލޭ ޖެހުމަކުން ކާމިޔާބުކޮށްދިނީ ޖޯން ސްޓޯންސްއެވެ. މިލަނޑު އެންމެ ފުރަތަމަ އޮފް ސައިޑް ކަމަށް ދެއްކި ނަމަވެސް ވީއޭއާރުން ބެލުމަށްފަހު އެއީ އޮފް ސައިޑް ލަނޑެއް ނޫންކަމަށް ނިންމިއެވެ.
މިމެޗްގައި ސިޓީގެ ތިންވަނަ ލަނޑު މެޗްގެ 54 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ ފުރަތަމަ ލަނޑުވެސް ޖަހާދިން ޑި ބްރުއިނަރއެވެ. މިމެޗްގައި އާސެނަލްއިން ޖެހި ހަމައެކަނި ލަނޑު މެޗްގެ 86 ވަނަ މިނެޓްގައި ޖަހާދިނީ ރޮބް ހޯލްޑިންގއެވެ. އަދި ސިޓީގެ ފަހު ލަނޑު ޖަހާދިނީ މެޗްގެ އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ހާލަންޑްއެވެ. މިއީ މިސީޒަންގައި އޭނާ ކާމިޔާބުކުރި 49 ވަނަ ލަނޑުގެ އިތުރުން ލީގުގައި ކާމިޔާބުކުރި 33 ވަނަ ލަނޑެވެ. މިއީ ޕްރިމިއަރ ލީގު މިހާރުގެ ފޯމެޓަށް ކުޅެން ފެނިފަހުން ލަނޑުގެ އާ ރިކޯޑެކެވެ. މިމެޗްގައި މޮޅު ކުޅުމެއް ދެއްކި ހާލަންޑަށް ވަނީ ލަނޑު ޖަހާނެ ގިނަ ފުރުސަތު ތަކެއް ލިބިގެން ގޮސްފައެވެ. މިމެޗްގައި ސިޓީއިން ޖެހި ލަނޑުގެ އަދަދު އިތުރުވިޔަ ނުދީ ހިފެހެއްޓިފައިވަނީ އެޓީމްގެ ކީޕަރ އާރޮން ރަމްސްޑޭލްގެ ހުށިޔާރު ކަމުގެ ސަބަބުންނެވެ.
މިކާމިޔާބީއާއެކު ސިޓީއިން މިހާރުވަނީ ކުޅުނު 31 މެޗުން ލިބިފައިވާ 73 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގާ އުޅޭ އާސެނަލް އާއި ދެޕޮއިންޓަށް ގާތްކޮށްފައެވެ. އަދި އާސެނަލް އިތުރަށް ދެމެޗް ކުޅެފައިވުމުން ސިޓީއިން މިދެމެޗް ކާމިޔާބުކޮށްދި ކަމަށްވާނަމަ އާސެނަލްގެ މައްޗަށް ހަތަރު ޕޮއިންޓްގެ ލީޑެއް ނެގުމުގެ ފުރުސަތު މިހާރުވަނީ ތަނަވަސްވެގެން ގޮސްފައެވެ. އެގޮތުން އަންނަ އާދިއްތަ ދުވަހު ރަށުން ބޭރުގައި ފުލަމް އާއި ދެކޮޅަށް ކުޅޭ މެޗް ކާމިޔާބު ކުރެވިއްޖެ ނަމަ އެޓީމް ތާވަލްގެ އެއްވަނައަށް އަރާނެއެވެ. އަދި މިމެޗުން ބަލިވުމާއެކު އާސެނަލްއަށް ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު މިހާރުވަނީ ގެއްލިގެން ގޮސްފައެވެ.