އިނގިރޭސި ޕްރިމިއާ ލީގުގައި ވެސްޓް ހޭމް ޔުނައިޓެޑް އަތުން ލިވަޕޫލް މުހިންމު މޮޅެއް ހޯދައިފިއެވެ.
ވެސްޓް ހޭމްގެ ދަނޑުގައި ރޭ ކުޅުނު މެޗް ލިވަޕޫލްއިން ކާމިޔާބުކުރީ ފަހަތުން އަރާ 2 ލަނޑު އެއްލަނޑުންނެވެ.
ލިވަޕޫލުން މެޗްގެ ބޮޑުބައި ކޮންޓްރޯލް ކުރުމުގެ އިތުރުން ގިނަ ހަމަލާ އުފެއްދި މިމެޗްގެ ލީޑު އެންމެ ފުރަތަމަ ނަގާފައިވަނީ ވެސްޓް ހޭމްއިންނެވެ. މިލަނޑު މެޗްގެ 12 ވަނަ މިނެޓްގައި އުފެއްދި ހަމަލާއެއްގައި ކާމިޔާބުކުރީ ލޫކަސް ޕަކުއެޓާއެވެ. ވޭތުވެދިޔަ ދެތިން މެޗްގައި ރަނގަޅު ކުޅުމެއް ދައްކަމުންދާ ވެސްޓް ހޭމްގެ މިލަނޑާއެކު މިމެޗުންވެސް އެޓީމް ރަނގަޅު ނަތީޖާއެއް ހޯދަފާނެކަމަށް ހީވެގެންދިޔައެވެ. ނަމަވެސް ވެސްޓް ހޭމްއަށް މިލީޑު ދެމެހެއްޓެގޮތްވީ ހަ މިނެޓް ވަންދެނެވެ. މެޗްގެ 18 ވަނަ މިނެޓްގައި ލިވަޕޫލްގެ ޒުވާން ފޯވަޑް ކޯޑި ގަކްޕޯވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ.
މިމެޗުން ލިވަޕޫލް މޮޅުވި ލަނޑު މެޗްގެ 67 ވަނަ މިނެޓްގައި ޖަހާދިނީ ޖޮއެލް މަޓިޕްއެވެ. މިމެޗްގެ ދެވަނަ ހާފްގައި ވެސްޓް ހޭމްއަށް ލީޑު ނެގުނު ކަމަށް ހީވި ނަމަވެސް ޖެރޮޑް ބޮވެން ކާމިޔާބު ކުރި ލަނޑު ވަނީ ވީއޭއާރުން ބެލުމަށްފަހު އޮފް ސައިޑް ކަމަށް ނިންމާފައެވެ. އަދި މެޗް ނިމެން ގާތްވެފައިވަނިކޮށް ވެސްޓް ހޭމްއަށް ޕެނަލްޓީއެއް ލިބެންޖެހޭކަމަށް އެޓީމަށް ހީވި ނަމަވެސް ތިއާގޯ އަލްކަންޓާރާ ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި އަތުގައި ބޯޅަ ޖެހުނު ހާދިސާއަށް މެޗްގެ ރެފްރީވެސް އަދި ވީއޭއާރުންވެސް ޕެނަލްޓީއެއް ކަމަށް ނިންމާފައެއް ނުވެއެވެ. މިކަމުގެ ހިތްހަމަ ނުޖެހުންވަނީ މެޗަށްފަހު ވެސްޓް ހޭމްގެ ކޯޗް ޑޭވިޑް މޮޔެސް ރެފްރީއަށް ފާޅުކޮށްފައެވެ.
މިކާމިޔާބީއާއެކު ލިވަޕޫލުންވަނީ މިހާތަނަށް ކުޅުނު 32 މެޗުން ލިބިފައިވާ 53 ޕޮއިންޓާއެކު ތާވަލްގެ ހަ ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ވެސްޓް ހޭމްއަށް މިވަނީ ޕްރިމިއަރ ލީގުގައި މިއަންނަ ސީޒަންގައި އޮވެވޭނެކަން ޔަގީން ވެގެންދާނެ ތިން ޕޮއިންޓް ހޯދުން އިތުރު ހަފްތާއަކަށް ލަސްވެގެންގޮސްފައެވެ. ވެސްޓް ހޭމް އުޅެނީ 34 ޕޮއިންޓާއެކު ތާވަލްގެ 14 ވަނައިގައެވެ.