ސްޕެނިޝް ލީގުގައި ރަޔޯ ވަޔެކާނޯ އަތުން ތާވަލުގެ އެއްވަނައިގައި އުޅޭ ބާސެލޯނާ ބަލިވެއްޖެއެވެ.
ވަޔެކާނޯގެ ދަނޑުގައި ރޭ ކުޅުނު މެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު އެއްލަނޑުންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. ނަމަވެސް މިއާއެކުވެސް މެޗްގެ ބޮޑު ބައިގާ ބާރސާއަށް ވަޔެކާނޯގެ ޑިފެންސް ފޫއަޅުވާލުން ވެގެންދިޔައީ އުނދަގޫކަމަކަށެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 19 ވަނަ މިނެޓްގައި ޖަހާ ލީޑު ނެގި ވަޔެކާނޯއިންނެވެ. މިލަނޑު އެޓީމަށް ޖަހާދިނީ އަލްވާރޯ ގާސިއާ ރިވޭރާއެވެ. އަދި އެޓީމުންވަނީ މެޗްގެ 53 ވަނަ މިނެތްގައި އިތުރު ލަނޑެއް ޖަހާ މެޗްގައި ވަޔެކާނޯގެ ލީޑު ފުޅާވެސް ކޮށްފައެވެ. މިލަނޑު އެޓީމަށް ޖަހާދިނީ ފްރާން ގާސިއާއެވެ. މިމެޗްގައި ބާރސާއިން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗްގެ 83 ވަނަ މިނެޓްގައި ޖަހާދިނީ އެޓީމްގެ ތަޖްރިބާކާރު ފޯވަޑް ރޮބަޓް ލެވަންޑޯސްކީއެވެ. މިލަނޑާއެކު މެޗްގެ ފަހު ވަގުތު ކޮޅު މެޗްގެ ފޯރިގަދަވެސް ވަޔެކާނޯ ހާސްކަމުގެ ތެރެއަށް ވެއްޓިގެންދިޔަ ނަމަވެސް އެޓީމުންވަނީ ރަނގަޅަށް ޑިފެންސްކޮށް ނަތީޖާއަށް އިތުރު ބަދަލެއް އަޔަނުދީ ހިފަހައްޓާލާފައެވެ.
މިކާމިޔާބީއާއެކު ވަޔެކާނޯ މިހާރު އުޅެނީ ކުޅުނު 31 މެޗުން ލިބިފައިވާ 43 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ. އަދި ތާވަލްގެ އެއްވަނައިގާ އުޅޭ ބާސެލޯނާއަށް 31 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ލަލީގާގައި މިހާރު ކޮންމެ ގިނަ ޓީމް ތަކަށް ބާކީ ހަތް މެޗް އޮތް އިރު ބާރސާއަށް 11 ޕޮއިންޓްގެ ލީޑެއް ލިބިފައިވެއެވެ. ތާވަލްގެ ދެވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑްވެސް މިހަފްތާގައިވަނީ ބަލިވެފައެވެ.