އިޓާލިއަން ކަޕުގެ ފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން އިންޓަ މިލާން ޖާގަހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން އިންޓަރ ޖާގަހޯދީ ރޭ ކުޅުނު ސެމީފައިނަލްގައި ޔުވެންޓަސް އާއި ބައްދަލުކޮށް 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ޔުވެންޓަސްގެ ދަނޑުގައި ކުޅެ އެއްލަނޑު އެއްލަނޑުންވީ އެއްވަރެވެ. އަދި ރޭ އިންޓަރގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް އެއްލަނޑު ސުންލަނޑުން ކާމިޔާބުކުރީ އިންޓަރއެވެ.
ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ޔޫވޭއިން ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ އިންޓަރއިންނެވެ. މިމެޗްގައި ޔޫވޭއަށް އިންޓަރގެ ޑިފެންސް ފޫއަޅުވާލެވޭގޮތެއްނުވިއެވެ. މިމެޗްގެ ހަމައެކަނި ލަނޑު މެޗްގެ 15 ވަނަ މިނެޓްގައި އިންޓަރ އަށް ކާމިޔާބުކޮށްދިނީ ފެޑެރިކޯ ޑިމާކޯއެވެ. މިމެޗްގައި މީގެއިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ.
މިކާމިޔާބީއާއެކު މެއި މަހުގެ 24 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ފައިނަލް މެޗްގައި އިންޓަރ ބައްދަލުކުރާނީ ފިއޮރެންޓީނާ އާއި ކްރެމޮނޭސޭގެ މެދުގައި ކުޅެވޭ ސެމީފައިނަލްއިން ކުރި ހޯދާ ޓީމަކާއެވެ. އެ ދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ ލެގް މިރޭ ފިއޮރެންޓީނާގެ ދަނޑުގައި ކުޅެވޭނެއެވެ. ފުރަތަމަ ލެގް 2 ލަނޑު ސުންލަނޑުން ރަށުން ބޭރުގައި ކާމިޔާބުކޮށްފައިވަނީ ފިއޮރެންޓީނާއެވެ.