މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބުރު ސްޕޯޓްސް ކުލަބު ބަލިކޮށް ފައިނަލުގެ ޖާގައެއް ކުލަބު އީގަލްސްއިން ހޯދައިފިއެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުން އީގަލްސް މޮޅުވީ އިތުރު ވަގުތުގެ ދެ ހާފު ކުޅެގެން 2-1 ގެ ނަތީޖާއަކުންނެވެ.
މިއީ އީގަލްސްއިން ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅޭނެ ތިންވަނަ ފަހަރެވެ. އެގޮތުން އީގަލްސް ވަނީ 2014 ވަނަ އަހަރުގެ ފައިނަލުގައި ވާދަކޮށް ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބު އަތުން 1-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި އޭގެ ފަހުން 2016 ވަނަ އަހަރު އީގަލްސްއިން ވަނީ ޓީސީ ސްޕޯޓްސް ކުލަބު 1-0 ގެ ނަތީޖާއަކުން ބަލިކޮށް މުޅިން އަލަށް ޗެމްޕިއަންކަން ހޯދާފައެވެ.
މިއަދު ހަވީރު ކުޅުނު މެޗުގައި ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ އީގަލްސްއިންނެވެ. މެޗުގެ 26 ވަނަ މިނެޓުގައި ބްރެޒިިލުގެ ފޯވާޑް އިވާން ކާލޯސް ނަގައިދިން ހުރަހަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެޕްޓަން އަޙްމަދު ރިޒުވާން (ރިޒޭ) އެވެ.
މި މެޗުގެ ދެވަނަ ހާފުގައިވެސް އީގަލްސްއިން ރަނގަޅު ފުރުސަތުތަކެއް ތަނަވަސްކުރިއިރު، އެ ޓީމުގެ އިވާން އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ބުރު ސްޕޯޓްސްގެ ގޯލްކީޕަރު ޝައިހާން އަލީ ވަނީ ދިފާއުކޮށްފައެވެ. އޭގެ ފަހުން މެޗުގެ 75 ވަނަ މިނެޓުގައި ހާފުގެ މެދެއްހާ ހިސާބުން ބުރު ސްޕޯޓްސްގެ މުޙައްމަދު ތަޝްމީން (ތައްތި) ފޮނުވާލި ނުރައްކާތެރި ހަމަލާއެއް އީގަލްސްގެ ކީޕަރު މުޙައްމަދު ޝަފީއު (ޗެކް) ވަނީ މަތަކޮށްފައެވެ.
މި މެޗުގައި ބުރު ސްޕޯޓްސްއިން ނަތީޖާ އެއްވަރުކުރީ މެޗު ނިމެން އަށް މިނެޓަށް ވެފައި ވަނިކޮށެވެ. ލިބުނު ޕެނަލްޓީއަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ތަޝްމީނެވެ. މިއީ އޭރިއާ ތެރެއިން ބުރު ސްޕޯޓްސްގެ އަޙްމަދު ރަޝީދު (އައްމަޑޭ) އަށް އީގަލްސްގެ އަބްދުﷲ ސަމީހު މޫސާ (ސަމިއްޓެ) ކުރި ފައުލަކަށް ދިން ޕެނަލްޓީއެކެވެ. އޭގެ ފަހުން މެޗުގެ އިތުރު ވަގުތުގައި އީގަލްސްގެ ރިޒޭއަށް ހުސް ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާވެސް ކީޕަރު ޝައިހާން ވަނީ މަތަކޮށްފައެވެ.
މި މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ދެ ހާފުގެ ތެރެއިން ފުރަތަމަ ހާފުގެ ކުރީކޮޅު އީގަލްސްއިން ވަނީ އަލުން ލީޑު ނަގާފައެވެ. އީގަލްސްގެ ނިޝާމް މުޙައްމަދު ރަޝީދު (ޕޮގްބާ) އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް، ގޯލުގެ އަރިމަތީ ދަނޑީގައި ޖެހިފައި ނުކުތުމުން މި ލަނޑު ކާމިޔާބުކޮށްދިނީ ޒައިން ޒަފަރެވެ.
މި މޮޅާއެކު ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލަށް އީގަލްސް ދަތުރުކުރިއިރު، 2016 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކުރި އީގަލްސް ޓީމަށްވެސް އިރުޝާދުދީފައިވަނީ މި ސީޒަނަށް އަލުން އީގަލްސްއާ ހަވާލުވި ތަޖުރިބާކާރު ކޯޗު އިހުސާން އަބްދުލް ޣަނީ (ސާންތި) އެވެ.