ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުން ބާސެލޯނާ ޖާގަ ހޯދައިފިއެވެ.
މިމުބާރާތުގެ ފައިނަލުން ބާސާ ޖާގަހޯދީ ސެމީ ފައިނަލްގައި ޗެލްސީއާ ބައްދަލުކޮށް 2 ލަނޑު އެއްލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ޗެލްސީގެ ދަނޑުގައި ކުޅެ އެއްލަނޑު ސުންލަނޑުން ބާރސާ މޮޅުވިއިރު، ރޭ ބާސާގެ ދަނޑުގައި ކުޅުނު ދެވަނަ ލެގް ނިމުނީ އެއްލަނޑު އެއްލަނޑުން އެއްވަރު ވެގެންނެވެ.
ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފައިވަނީ ބާރސާއިންނެވެ. ޗެލްސީއިން މުޅި މެޗް ގައިވެސް މަސައްކަތްކޮށްފައިވަނީ ބޮޑަށް ދިފާއަށް އިސްކަންދީގެން، ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށެވެ. މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަށް ލަނޑެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 63 ވަނަ މިނެޓްގައި ބާސާއަށް ކާމިޔާބުކޮށްދިނީ ކެރޮލީން ގްރަހަމް ހެންސަންއެވެ. ނަމަވެސް ބާރސާއިން ލީޑު ނެގިތާ ހަތަރު މިނެޓްފަހުން ޗެލްސީއިން ވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި މިއާއެކު މެޗްގެ ބާކީ ބައިގެ ފޯރިވެސް އިތުރަށް ގަދަވެގެންދިޔައެވެ. ނަމަވެސް މެޗް ނިމިގެންދިޔައީ ނަތީޖާ އަށް ބަދަލެއް ނައިސް ދެ ޓީމް އެއްވަރުވެގެންނެވެ.
މިކާމިޔާބީއާއެކު ބާސާ ވަނީ ޗެމްޕިއަންސް ލީގުގެ ފައިނަލުން ޖެހިޖެހިގެން ތިންވަނަ ފަހަރަށް ޖާގަހޯދާފައެވެ. އެކަމަކު މިދިޔަ ސީޒަންގެ ފައިނަލްގައި ބާސާވަނީ ލިއޯން އަތުން ބަލިވެފައެވެ. މި ފަހަރުގެ ފައިނަލްގައި ބާރސާ ބައްދަލުކުރާނީ ވުލްފްސްބަރގް އާއި އާސެނަލްގެ މެދުގައި ކުޅޭ ސެމީ ފައިނަލް ދެ ލެގުން ކުރި ހޯދާ ޓީމަކާއެވެ. މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް 2 ލަނޑު 2ލަނޑުން އެއްވަރުވެފައިވުމުން، މިރޭ ކުޅޭ ދެވަނަ ލެގްގެ ފޯރި އިތުރަށް ގަދަވެގެންދާނެކަމަށްވަނީ ބެލެވިފައެވެ.