އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ އީސްޓަން ކޮންފަރެންސް ޕްލޭއޮފްސް ސެމީ ފައިނަލުން ބޮސްޓަން ސެލްޓިކްސް ޖާގަ ހޯދައިފިއެވެ.
ސެމީފައިނަލުން ދެވަނައަށް ސީޑް ކުރެވިފައިވާ ސެލްޓިކްސް ޖާގަ ހޯދީ ޕްލޭއޮފްސް ފުރަތަމަ ބުރުގައި ހަތްވަނައަށް ސީޑް ކުރެވިފައިވާ އެޓްލާންޓާ ހޯކްސްއާ ބައްދަލުކޮށް ހަތަރު މެޗް ދެމެޗުން މި ސީރީޒް ކާމިޔާބުކޮށްގެންނެވެ.
މިދެޓީމްގެ މެދުގައި ކުޅުނު ހަވަނަ މެޗް އެޓްލާންޓާގައި ކުޅެ ސެލްޓިކްސް ކާމިޔާބުކުރީ 128 ޕޮއިންޓް 120 ޕޮއިންޓުންނެވެ. މިމެޗްގައި ސެލްޓިކްސްގެ ޖޭސަން ޓެޓުމްވަނީ 30 ޕޮއިންޓް ހޯދަދީ 14 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ. އަދި ހޯކްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 30 ޕޮއިންޓް ހޯދާދީ 3 ރީބައުންޑް ނަގާދީ 10 އެސިސްޓް ދިން ޓްރެއި ޔަންގްއެވެ.
މިކާމިޔާބީއާއެކު ސެލްޓިކްސް ސެމީފައިނަލުން ޖާގަހޯދިއިރު ސެމިފައިނަލްގައި އެޓީމް ބައްދަލުކުރާނީ ތިންވަނައަށް ސީޑް ކުރެވިފައިވާ ފިލަޑެލްފިއާ ސެވަންޓީ ސިކްސަރސްއާއެވެ. ސިކްސަރސް ސެމީފައިނަލުން ޖާގަ ހޯދީ ފުރަތަމަ ބުރުގައި ހަވަނައަށް ސީޑް ކުރެވިފައިވާ ބްރޫކްލިން ނެޓްސް އާއި ބައްދަލުކޮށް ސީދާ ހަތަރު މެޗުން މޮޅުވެގެންނެވެ.
މިމުބާރާތުގައި މިހާރު ސެމީފައިނަލް ކަނޑަނޭޅި ވަނީ ވެސްޓަން ކޮންފަރެންސްގެ އެއްބައެވެ. އެ ސެމީފައިނަލަށް ދަތުރު ކުރާނީ ސެކްރެމެންޓޯ ކިންގްސް އާއި ގޯލްޑަން ސްޓޭޓް ވޮރިއަރސްގެ ތެރެއިން ޓިމަކާއި، މެމްފިސް ގްރިޒްލީސް އާއި ލޮސް އެންޖަލިސް ލޭކަރސްގެ ތެރެއިން ޓީމެކެވެ.