ސްޕެނިޝް ކަޕުގެ ފައިނަލާއި ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި މެންޗެސްޓާ ސިޓީއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގުގައި ރެއާލް މެޑްރިޑުގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗަށް ކުޅެވޭނެ ކަމާމެދު ސުވާލު އުފެދިފައިވާކަމަށް އެ ކުލަބުން ބުނެފިއެވެ.
ރެއާލްއިން ހާމަކުރިގޮތުގައި މޮޑްރިޗްގެ ވާއަތު ފައިގެ ފަލަމަސްގަނޑަށް ވަނީ އަނިޔާވެފައެވެ. މޮޑްރިޗްއަށް އަނިޔާވެފައިވަނީ މިދިޔަ އަންގާރަ ދުވަހު ސްޕނިޝް ލީގުގައި ޖިރޯނާއާ ބައްދަލުކޮށް ބަލިވި މެޗްގައެވެ. ހަތަރު ލަނޑު ދެލަނޑުން ރެއާލް ބަލިވި އެމެޗްގެ 63 ވަނަ މިނެޓްގައ މޮޑްރިޗްވަނީ ބަދަލުކޮށްފައެވެ.
ރެއާލްއިން ސްޕެނިޝް ކަަޕުގެ ފައިނަލްގައި އޮސަސޫނާއާ ދެކޮޅަށް ނިކުތުމަށް ހަމަޖެހިފައިވަނީ އަންނަ މެއި މަހުގެ ހަވަނަ ދުވަހުއެވެ. އަދި ސިޓީއާ ދެކޮޅަށް ކުޅޭ ފުރަތަމަ ލެގް ކުޅުމަށް ހަމަޖެހިފައިވަނީ މެއި މަހުގެ 9 ވަނަ ދުވަހުއެވެ. މިދެމެޗްގެ ކުރިން ރެއާލްއިން ލީގުގައި އަލްމޭރިއާ އާއި ރެއާލް ސޮސިއޭޑާޑްއާ ދެކޮޅަށް ކުޅޭނެއެވެ.
މޮޑްރިޗް އަނިޔާއިން ރަނގަޅުވެގެން ކުޅުމުގެ ތެރެއަށް އާދެވޭނެ ދުވަހެއް ބުނަން އަދި ތަންކޮޅެއް އަވަސް ކަމުގައި ރެއާލްގެ ކޯޗް ކާލޯ އެންޗެލޯޓީ ވަނީ ބުނެފައެވެ. އަދި އުންމީދަކީ އޭނާ ވީހާވެސް އަވަހަކަށް އަނިޔާއިން ރަނގަޅުވެ ޓީމާއި ގުޅުން ކަމަށާއި ސީޒަންގައި ބާކީ ހުރީ ވަރަށް މުހިންމު މެޗްތަކެއް ކަމަށްވެސް އެންޗެލޯޓީ ބުންޏެވެ.