ކުޅިވަރު

ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ނަމަވެސް ޝެފީލްޑް ޔުނައިޓެޑް ވިއްކާލަނީ


އިނގިރޭސި ޕްރިމިއާ ލީގަށް ޕްރޮމޯޓުވި ނަމަވެސް ޝެފީލްޑް ޔުނައިޓެޑް ވިއްކާލަން ވިސްނާކަމުގައި އެ ކުލަބުގެ ވެރިޔާ ސައުދީ އަރަބިއްޔާގެ ވަލީއަޙުދު އަބްދުﷲ ހާމަކުރައްވައިފިއެވެ.

އޭނާ މިކަން ހާމަކުރައްވާފައިވަނީ ޕްރިމިއަރ ލީގަށް ޕްރޮމޯޓް ވުމާއި ގުޅިގެން ނޫސްވެރިންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަންނަ ސީޒަންގައި ޕްރިމިއަރ ލީގުގައި ކުޅުމުގެ ފުރުސަތު ޝެފީލްޑްއިން ހޯދީ މިދިޔަ ބުދަ ދުވަހު ޗެމްޕިއަންޝިޕްގައި ކުޅުނު މެޗް ކާމިޔާބުކޮށްގެންނެވެ. މީގެއިތުރުން ބްލޭޑްސްގެ ނަމުން މަޝްހޫރުވެފައިވާ މި ޓީމްވަނީ މިފަހަރުގެ އެފްއޭ ކަޕްގެ ސެމީ ފައިނަލަށްވެސް ދަތުރުކޮށްފައެވެ.

ވަލީއަޙުދު އަބްދުﷲ ވިދާޅުވިގޮތުގައި އޭނާގެ ވިސްނުންފުޅު ހުންނެވީ ކްލަބް ވިއްކާލައްވަން ކަމަށެވެ. އަދި އެކަން ކުރެއްވި ނަމަވެސް ކޮންމެ ކޮންމެ މީހަކަށް އެކްލަބް ވިއްކާ ނުލައްވާނެކަމުގެ ޔަގީންކަން ވަނީ ދެއްވާފައެވެ. އަދި އެކްލަބާއި ދެން ހަވާލުވާ ވެރިއެއްގެ ކިބައިގާ ހުރި ގާބިލް ކަމާމެދު އޭނާ ވިސްނަވާނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަލީއަޙުދު އަބްދުﷲ އަކީ 2019 ވަނ އަހަރުން ފެށިގެން ބްލޭޑްސްގެ ވެރިއެއްގެގޮތުގައި ހުންނެވި ބޭފުޅާއެވެ. އަދި މިވީ ތަނުގައި އެކްލަބަށް ވަނީ ގިނަ ކުރިއެރުންތަކެއް ގެންނެވުމަށް މަސައްކަތް ކުރައްވާފައެވެ. އެ ކްލަބް 115 މިލިއަން ޕައުންޑްގެ އަގަކަށް ނައިޖީރިއާގެ ވިޔަފާރިވެރިޔާ ޑޯޒީ އެމްމޮބޫސީއަށް ވިއްކާލުމުގެ ހުރިހާ ތައްޔާރީތަކެއް މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވީ ނަމަވެސް އެއީ މިހާރު ވުން އެހާގާތްކަމެއް ކަމަށް ދެކިވަޑައިނުގައްނަވާކަމަށް ވަލީއަޙުދު އަބްދުﷲ ވިދާޅުވެއެވެ.

ވަލީއަޙުދު އަބްދުﷲ ވިދާޅުވާގޮތުގައި ކްލަބް ވިއްކާލެއްވުމުގެ ކަންތައްތައް ކުރިއަށް ގެންދަވާނަމަ އެކަންތައްތައް ކުރިއަށް އޮތް ސީޒަންގެ ތައްޔާރީތައް ފެށުމުގެ ކުރިން ނިންމެވުމަށް ބޭނުންފުޅުވާ ކަމަށެވެ. އަދި މިއަންނަ ސީޒަނަށް ހުރަސް އެޅޭގޮތަށް އެއްވެސް ކަމެއް ނުކުރައްވާނެކަމަށްވެސް ވިދާޅުވިއެވެ. އެހެންކަމުން އެކްލަބް ވިއްކާލާނަމަ އެކަން މިހާރުން މިހާރަށް ކުރަންޖެހޭކަމަށާއި އެއަށްވުރެ ލަސްވެ ސީޒަންގެ ތައްޔާރީތައް ފަށާއިރުވެސް އެކަމަށް ކުރިއެރުމެއް ނުލިބިއްޖެނަމަ އޭނާ ކުރިއަށް އޮތް ސީޒަންގައިވެސް ކްލަބުން ފެނިވަޑައިގަންނަވާނެކަމަށް ވަލީއަޙުދު އަބްދުﷲ ވިދާޅުވިއެވެ. އޭނާ ވިދާޅުވިގޮތުގައި މިކްލަބާއި ދެން ހަވާލުވާ ފަރާތަކީ އެކަން ކުރެވޭވަރުގެ ރަނގަޅު މީހަކަށް ނުވެއްޖެނަމަ މިދިޔަ ތާނގާގައި މިހޯދި ކާމިޔާބީ އަލުން ބިމާހަމަވާކަން ގިނަ ވަގުތެއް ނުނަގާނެކަމަށާއި އެކަން އެހެން ވިޔަދެއްވެން ނެތް ކަމަށެވެ.