އިނގިރޭސި އެފްއޭ ވިމެންސް ސުޕަ ލީގުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ފަހަތުން އަރައި މެންޗެސްޓާ ޔުނައިޓެޑުން ކާމިޔާބުކޮށްފިއެވެ.
ވިލާގެ ދަނޑުގައި ކުޅުނު މިމެޗް ޔުނައިޓެޑުން ކާމިޔާބުކުރީ 3 ލަނޑު 2ލަނޑުންނެވެ. އަދި މޮޅުވި ލަނޑު ޖަހާފައިވަނީ އިތުރު ވަގުތުގެ ހަތަރުވަނަ މިނެޓްގައެވެ.
ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގެ ފުރަތަމަ ހާފްގައި ވިލާއިން މޮޅަށް ކުޅުނު ނަމަވެސް، ދެވަނަ ހާފް ޑޮމިނޭޓުކުރީ ޔުނައިޓެޑަށެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 9 ވަނަ މިނެޓްގައި ވިލާއަށް ޖަހާދިނީ ރޭޗެލް ޑެލީއެވެ. ނަމަވެސް ޔުނައިޓެޑުން ވަނީ މެޗްގެ 15 ވަނަ މިނެޓްގައި ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ލެއާ ގެލްޓޯންއެވެ.
މިމެޗްގެ 37 ވަނަ މިނެޓްގައި ޑެލީ ކާމިޔާބުކޮށްދިން ދެވަނަ ލަނޑާއެކު މިމެޗްގައި ވިލާއިން ފުރަތަމަ ހާފް ނިމުމުގެ ކުރިން ދެވަނަ ފަހަރަށް ލީޑު ނެގިއެވެ. އަދި މި ދެލަނޑާއެކު ޑެލީ މިވަނީ މިއަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ފީފާ ވިމެންސް ވޯލްޑް ކަޕްގައި ވާދަކުރާ އިންގްލަންޑް ޓީމްގެ ފުރަތަމަ އެގާރައިން ޖާގައެއް ހޯދުމަށް ކުރަމުންދާ އުންމީދުތައްވެސް އިތުރަށް ވަރުގަދަ ކޮށްފައެވެ.
ފުރަތަމަ ހާފާއި ހިލާފަށް ދެވަނަ ހާފްގައި ފެނިގެންދިޔައީ ޔުނައިޓުން އެޓީމްގެ ކުޅުން ރަނގަޅުކޮށް ވިލާގެ ގޯލަށް ނުރައްކާ ކުރަމުންދިޔަ ތަނެވެ. މިގޮތުން މެޗްގެ 62 ވަނަ މިނެޓްގައި ނިކީޓާ ޕެރިސް ވަނީ ލަނޑެއް ޖަހާ ޔުނައިޓެޑަށް މެޗްގެ ނަތީޖާ ހަމަހަމަ ކޮށްދީފައެވެ. މިލަނޑު ޖެހުމުގެ ކުޑައިރު ކޮޅެއް ކުރިން ޑެލީ ފޮނުވާލި ހަމަލާއެއް ވަނީ ޔުނައިޓެޑްގެ ގޯލް ދަނޑިއަށް އަމާޒުވެފައެވެ. މިމެޗުން ޔުނައިޓެޑް މޮޅުވި ލަނޑު މެޗްގެ އިތުރު ވަގުތުގެ 4 ވަނަ މިނެޓްގައި ކާމިޔާބުކޮށްދިނީ މިލީ ޓަރނަރއެވެ.
މިކާމިޔާބީއާއެކު ޔުނައިޓެޑުން މިވަނީ ސުޕަ ލީގުގެ ތާވަލްގެ އެއްވަނައިގާ ހަ ޕޮއިންޓްގެ ލީޑެއް ނަގާފައެވެ. އެއީ ކުޅުނު 19 މެޗުން ލިބިފައިވާ 47 ޕޮއިންޓާއެކުއެވެ. ދެވަނައިގާ މިވަގުތު އުޅޭ މެންޗެސްޓަރ ސިޓީއަށް ލިބިފައިވަނީ 18 މެޗުން 41 ޕޮއިންޓެވެ. ނަމަވެސް ތިންވަނައިގާ އުޅޭ އެންމެފަހުގެ ޗެމްޕިއަން ޗެލްސީއަށް 16 މެޗުން 40 ޕޮއިންޓް ލިބިފައިވުމުން، އެޓީމް ނުކުޅެއޮތް ތިން މެޗް ކާމިޔާބުކޮށްފި ނަމަ އެޓީމަށް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މިމެޗުން ބަލިވުމުން ވިލާ އުޅެނީ 30 ޕޮއިންޓާއެކު ތާވަލްގެ 5 ވަނައިގައެވެ.