ކުޅިވަރު

މެޑްރިޑް އޯޕަން: ޗެމްޕިއަން އަލްކަރާޒަށް ތިންވަނަ ބުރުގެ ޖާގައެއް


މިހާރު ކުރިއަށްދާ މެޑްރިޑް އޯޕަން ޓެނިސް މުބާރާތުގެ ތިންވަނަ ބުރުން ފިރިހެން ސިންގަލްސްގެ އެއްވަނައަށް ސީޑް ކޮށްފައިވާ އެންމެ ފަހުގެ ޗެމްޕިއަން ކާލޯސް އަލްކަރާޒް ޖާގަ ހޯދައިފިއެވެ.

ސްޕެއިނަށް ނިސްބަތްވާ އަލްކަރާޒް މިމުބާރާތުގެ ތިންވަނަ ބުރުން ޖާގަހޯދީ ދެވަނަ ބުރުގައި ފިންލަންޑްގެ އެމީލް ރޫސުވުއޯރީ އާއި ބައްދަލުކުރިމެޗް ދެސެޓް އެއްސެޓުން ކާމިޔާބުކޮށްގެންނެވެ.

މިމެޗް އަލްކަރާޒް ކާމިޔާބު ކުރި ނަމަވެސް މިވެޗް ވެގެންދިޔައީ އޭނާއަށް އެހާ ފަސޭހަ މެޗަކަށް ނޫނެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ސެޓް ދޭއް ހަޔަކުން އެމީލް ކާމިޔާބުކުރިއިރު، ދެވަނަ ސެޓްގައިވެސް ތިނެއް ތިނަކުން އެއްވަރު ވަންދެން ދިޔައީ އަލްކަރާޒްއަށް ވަރަށް އުނދަގޫކޮށެވެ. މިގޮތުން ދެވަނަ ސެޓްގައި އެމީލް ހަތަރެއް ދޭކަށް ހެދިޔަ ނުދިނުމަށްޓަކައި ފަސް ބްރޭކް ޕޮއިންޓް އަލްކަރާޒްއަށް ސަލާމަތްކުރަން ޖެހުނެވެ. މިމެޗްގެ ދެވަނަ ސެޓް އެންމެފަހުން ހައެއް ހަތަރުން އަލްކަރާޒް ކާމިޔާބުކުރިއިރު، ތިންވަނަ ސެޓް ހައެއް ދޭކުން ކާމިޔާބުކުރީވެސް އަލްކަރާޒްއެވެ. މިދިޔަ ހަފްތާގައި ބާސެލޯނާ އޯޕަން ކާމިޔާބުކޮށްފައިވާ ދުނިޔޭގައި ދެވަނައަށް ރޭންކް ކުރެވިފައިވާ އަލްކަރާޒް ތިންވަނަ ބުރުގައި ބައްދަލުކުރާނީ ގްރިގޯ ޑިމިޓްރޯވް އާއެވެ.

ބަލްގޭރިއަށް ނިސްބަތްވާ ޑިމިޓްރޯވް ތިންވަނަ ބުރުން ޖާގަހޯދީ ފަރަންސޭސިވިލާތުގެ ގްރެގޯ ބަރޭރޭ އާއި ބައްދަލުކުރިމެޗް ސީދާ ދެސެޓުން ކާމިޔާބުކޮށްގެންނެވެ. ނަމަވެސް މިދެސެޓްވެސް ޑިމިޓްރޯވްއަށް ކާމިޔާބު ކުރެވުނީ ޓައި ބްރޭކަށް ގޮސްގެންނެވެ. މިގޮތުން ފުރަތަމަ ސެޓްގެ ޓައި ބްރޭކް އަށެއް ހަޔަކުން ކާމިޔާބުކުރިއިރު، ދެވަނަ ޓައި ބްރޭކް ކާމިޔާބުކުރީ ހަތެއް ދޭކުންނެވެ. މިމުބާރާތުގައި ފަސްވަނައަށް ސީޑް ކުރެވިފައިވާ ރަޝިއާގެ އަންޑްރޭ ރުބްލޭވް ވަނީ ސްވިޓްޒަލަންޑްގެ ސްޓާން ވަވްރިންކާއާ ބައްދަލުކުރިމެޗް ހައެއް ދޭއް އަދި ހައެއް ހަތަރަކުން ކާމުޔާބުކޮށް ތިންވަނަ ބުރުން ޖާގަ ހޯދާފައެވެ. އަދި ތިންވަނައަށް ސީޑް ކުރެވިފައިވާ ނޯވޭގެ ކެސްޕަރ ރުޑް ވަނީ އިޓަލީވިލާތުގެ މަޓިއޯ އަނާލްޑީ އާއި ބައްދަލުކުރި މެޗުން ސީދާ ދެސެޓުން ބަލިވެފައެވެ. އެއީ ހައެއް ތިނެއް އަދި ހައެއް ހަތަރަކުންނެވެ.