އުޒްބެކިސްތާނުގެ ޓަޝްކެންޓުގައި މިހާރު ކުރިއަށްދާ އޭޝިއާގެ ޔޫތު މުބާރާތުގެ ސެމީ ފައިނަލުގައި ވާދަކޮށް އަންހެނުންގެ 100 މީޓަރު ދުވުމުގެ ގައުމީ ޔޫތު ރިކޯޑު ރާއްޖޭގެ އަހްނާ ނިޒާރު މުގުރާލައިފިއެވެ.
އާދީއްތަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި މުބާރާތުގެ 100 މީޓަރު އިވެންޓުގެ ސެމީގައި އިއްޔެ ދުވެ އަހްނާ ރިކޯޑު މުގުރާލީ 12.50 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން އޮތީ މަރިޔަމް ރޫޔާ އަލީ އަތުގައެވެ. އެގޮތުން 18 އަހަރުން ދަށަށް ޚާއްސަކޮށްގެން ކުވެއިތުގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ކުރިއަށްދިޔަ އޭޝިއަން ޔޫތު އެތުލެޓިކްސް މުބާރާތުގައި ވާދަކޮށް ރޫޔާ ރޭސް ނިންމީ 12.52 ސިކުންތުންނެވެ.
އުމުރުން 15 އަހަރުގެ އަހްނާ 100 މީޓަރު ދުވުމުގެ ޔޫތު ރިކޯޑު މުގުރާލިއިރު، އޭޝިއާގެ ޔޫތު މުބާރާތުގެ ސެމީން އޭނާ ޖާގަ ހޯދީ ހަތް އެތުލީޓުން ވާދަކުރި ހީޓު އެކެއްގެ ހަތަރުވަނައިގައި ނިންމައިގެންނެވެ. އެ ފަހަރު އޭނާގެ ޓައިމިން އަކީ 12.93 ސިކުންތެވެ.
މިއީ ކުރިއެރަމުން އަންނަ ޒުވާން ދުވުންތެރިޔާ އަހްނާ މި އަހަރު ވާދަކުރި ބައިނަލްއަގުވާމީ ދެވަނަ މުބާރާތެވެ. އެގޮތުން މިދިޔަ ފެބްރުއަރީ މަހު ކަޒަކިސްތާނުގެ އަސްތާނާގައި ކުރިއަށްދިޔަ 10 ވަނަ އޭޝިއަން އިންޑޯ އެތުލެޓިކްސް ޗެމްޕިއަންޝިޕުގައިވެސް އަހްނާ ވަނީ ވާދަކޮށްފައެވެ.
އެ މުބާރާތުގައި ވާދަކޮށް އަހްނާ ވަނީ 60 މީޓަރު ދުވުމުގެ ގައުމީ ރިކޯޑު ހަދާފައެވެ. އެކަމަކު އަހްނާ އެ ރެކޯޑް ހެދިތާ ހަތް މިނެޓު ފަހުން ރޫޔާ ވަނީ އެ ފަހަރު އެ ރިކޯޑު މުގުރާލާފައެވެ.