ކުޅިވަރު

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް އަންގާރަ ދުވަހުގެ ރެއަށް ފަސްކޮށްފި


މިހާރު ކުރިއަށްދާ ޕްރެޒިޑެންޓްސް ކަޕް 2023 ގެ ފައިނަލް މެޗު އަންނަ އަންގާރަ ދުވަހުގެ ރެއަށް ފަސްކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާދައިގެ ތައްޓަށް ކުޅެވޭ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު މީގެ ކުރިން ކުޅެން އޮތީ އަންނަ އާދީއްތަ ދުވަހުގެ ރެއެވެ. އެހެންނަމަވެސް އިއްޔެ ފުޓުބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ވަނީ ޕްރިޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު އަންނަ މެއި މަހުގެ ދެވަނަ ދުވަސް ކަމަށްވާ އަންގާރަ ދުވަހުގެ ރެއަށް ފަސްކުރިކަން އިއިުލާން ކޮށްފައެވެ.

އެފްއޭއެމުގެ ޖެނެރަލް ސެކްރެޓަރީ ހުސެއިން ޖަވާޒް (ޖަވާ) ވިދާޅުވީ ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލް މެޗު ފަސްކުރަން ނިންމި ސަބަބަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް ބައިވެރިވެވަޑައިގެންނެވޭ ތާރީޚެއްގައި ކުޅުމުގެ ގޮތުން ކަަމަށެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލެއްގައި ރައީސެއް އެންމެ ފަހުން ބައިވެރިވެވަޑައިގެން މެޗު ޝަރަފްވެރިކޮށްދެއްވީ 2016 ވަނަ އަހަރެވެ. އެގޮތުން މިދިޔަ އަހަރު ރ. އަލިފުށީގައި ކުޅުނު މުބާރާތުގެ ފައިނަލުގައި ބައިވެރިވެވަޑައިގެންނެވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމެވެ.

މި އަހަރުގެ ޕްރެޒިޑެންޓްސް ކަޕުގައި ފުރަތަމަ ޑިވިޝަނުގެ ހަ ޓީމެއް ވާދަކޮށްފައިވާއިރު، މެޗުތައް ކުޅުނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. މި މުބާރާތުގެ ފައިނަލުގައި ވާދަކުރާނީ އެންމެ ފަހުގެ ރަނަރަޕް މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނާއި ކުލަބު އީގަލްސްއެވެ. އީގަލްސްއިން ފައިނަލުގެ ޖާގައެއް ހޯދީ ސެމީ ފައިނަލުގައި 2-1 ގެ ނަތީޖާއަކުން ބުރު ސްޕޯޓްސް ކުލަބު ބަލިކޮށްގެންނެވެ. އަދި މާޒިޔާ ފައިނަލަށް ދަތުރުކުރީ ސެމީގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ފަސޭހަކަމާއެކު 8-0 ގެ ނަތީޖާއަކުން ބަލިކޮށްގެންނެވެ.

މިއީ މާޒިޔާ ޕްރެޒިޑެންޓްސް ކަޕް ފައިނަލުގައި ކުޅޭ ހަތަރުވަނަ ފަހަރެވެ. އެ ޓީމުން ވަނީ 2015 ވަނަ އަހަރުގެ މުބާރާތް ކާމިޔާބުކޮށްފައެވެ. އަނެއްކޮޅުން މިއީ އީގަލްސް ޕްރެޒިޑެންޓްސް ކަޕުގެ ފައިނަލުގައި ކުޅޭ ތިންވަނަ ފަހަރެވެ. އީގަލްސް ވަނީ 2016 ވަނަ އަހަރު މި މުބާރާތުގެ ތަށި އުފުލާލާފައެވެ.