މަތިންދާބޯޓުތަކަށް އަޅާ ތެޔޮ އުފުލުމަށް ޚާއްޞަ ބާޖެއް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން، އެސްޓީއޯއިން ރާއްޖެ ގެނެސްފިއެވެ.
އެސްޓީއޯގެ ތެޔޮ ރައްކާ ކުރާ ރަށް، ފުނަދޫގައި ބޭއްވި ޙަފުލާއެއްގައި މި ބާޖު ނޫސްވެރިންނަށް ވަނީ ދައްކާލާފައެވެ. މި ބާޖުގެ ނަމަކީ "ލަގަނާ"އެވެ. މިއީ ހަންސާ ކޮންސަލްޓް ޕްރޮޖެކްޓްސްގެ ކޮންސަލްޓެންސީގެ އެހީތެރިކަމާއެކީ ބަނދެފައިވާ ބާޖެކެވެ.
"ލަގަނާ" ބާޖަކީ ޖެޓް ފިއުލްއަށް ޚާއްސަކޮށްގެން ގެނެސްފައިވާ ފުރަތަމަ ބާޖެވެ. މިއީ އެސްޓީއޯ އާއި އައިލެންޑް އޭވިއޭޝަން ސާވިސަސްއާއެކު ވެފައިވާ އެއްބަސްވުމެއްގެ ދަށުން މާފަރު އެއާޕޯޓަށް ބޭނުންވާ ޖެޓް އޭ-1 ތެޔޮ ސަޕްލައި ކުރުމަށް ޚާއްސަ ކުރެވިގެން ކޮމިޝަން ކޮށްފައިވާ ބާޖެއްކަމަށް އެސްޓީއޯއިން ބުންޏެވެ.
އެސްޓީއޯއިން ބުނީ، މި ބާޖް ތައްޔާރުކުރީ އަތޮޅުތަކަށް އޭވިއޭޝަން ފިއުލް ރައްކާތެރިކަމާއެކު ގެންދިއުމުގައި ދިމާވާ މައްސަލަތަކަށް ޙައްލެއް ހޯދުމަށް ކަމަށެވެ. އެ ބާޖަކީ އޭވިއޭޝަން ފިއުލް ކޮލިޓީގެ ޝަރުތުތައް ފުރިހަމަވާ ބާޖެއް ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
މި ބާޖު ދައްކާލުމަށް ފުނަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވީ، މި ބާޖާއެކު ޑޮމެސްޓިކް އެއަރޕޯޓްތަކަށް ތެޔޮ ފޯރުކޮށްދިނުމަށް ލުއިފަސޭހަތެކެއް ލިބިގެންދާނެކަމަށެވެ. އަދި މިވަގުތު އައިލޭންޑް އޭވިއޭޝަންއަށް މި ބާޖުން ޚިދުމަތް ފޯރުކޮށްދިންނަމަވެސް ޑިމާންޑް އޮތްވަރަކުން އިތުރު ބާޖުތައް ގެންނަވާނެކަމަށް ސަޢީދު ވިދާޅުވިއެވެ.
"ރީޖަނަލް އެއަރޕޯޓްތައް ގޮތުގައި ފަންކްޝަން ކުރުމަށް ވަރަށް ފަސޭހަވެގެންދާނެ. އުއްމީދު ކުރަނީ މި ބާޖާއެކު ހުރިހާ އެއަރޕޯޓަކަށްވެސް ޖެޓް ފިއުލް ފަސޭހައިން ލިބިގެންދާނެކަމަށް." އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ އަބްދުﷲ ސަޢީދު ވިދާޅުވއެވެ.
"ލަގަނާ" އަކީ 200 ކިއުބިކް މީޓަރުގެ ޖާގަ ހުންނަ ބާޖެކެވެ. އަދި މިއީ ޒަމާނީ މިނެކިރުމުގެ އާލާތްތައް ބަހައްޓާފައިވާ، ކަމާބެހޭ ކޮލިޓީ އެޝުއަރެންސް ކޯޑްތަކުގައިވާ ގޮތުގެމަތިން އޭވިއޭޝަނަށް އިންޑަސްޓްރީ ސްޓޭންޑާޑް ފިލްޓަރުތަކާއެކު ކޮމިޝަންކޮށްފައިވާ އުޅަނދެކެވެ. މިއީ މިފަދަ ފިލްޓަރުތަކެއް ހަރުކުރެވިފައިވާ ރާއްޖޭގެ ފުރަތަމަ އުޅަނދެވެ.
އެސްޓީއޯއިން ބުނީ، މި ބާޖުގެ ކްރޫންނަށް ވެސް އޭވިއޭޝަން ފިއުލް ހެންޑްލިންގެ ފީލްޑް ޓްރެއިނިންގެ އިތުރުން، ކަމާބެހޭ އޮޕަރޭޝަންސް މެނުއަލްތަކާއި ލިޔެކިޔުންތައް ފޯރުކޮށްދީފައިވާ ކަމަށެވެ.
އެސްޓީއޯ އިން ވަނީ ބާޖާ އެކީ، އިންޑަސްޓްރީގެ ބެސްޓް ޕެރެކްޓިސްއާ އެއްގޮތަށް، ޖެޓް އޭ-1 ތެޔޮ ރިފައިނަރީން ފެށިގެން ފްލައިޓްއާ ހަމައަށް ޓްރޭސް ކުރެވޭނެ ކުއަލިޓީ އެޝުއަރެންސް ނިޒާމެއް ގާއިމު ކޮށްފެއެވެ. އެގޮތުން ކޮންމެ ޓްރާންސްފާ ޕޮއިންޓެއްގައި ތެލުގެ ސާމްޕަލް ނަގައި އެސްޓީއޯ އިން މާލޭގައި ގާއިމުކުރި ލެބޯޓްރީގައި ޓެސްޓްކުރާނެއެވެ.