ކުޅިވަރު

ވުލްވްސް ބަލިކޮށް ބްރައިޓަންއިން ޔޫރަޕުގައި ކުޅުމުގެ އުއްމީދު އާކޮށްފި


އިނގިރޭސި ޕްރިމިއާ ލީގުގައި ވުލްވްސް ބަލިކޮށް އަންނަ ސީޒަނުގައި ޔޫރަޕުގައި ކުޅުމަށް ބްރައިޓަންއިން ކުރަމުންދާ އުއްމީދު އާކޮށްފިއެވެ.

ބްރައިޓަންގެ ދަނޑުގައި ރޭ ކުޅުނު މެޗު އެޓީމުން ކާމިޔާބުކުރީ ހީކުރިވަރަށް ވުރެ ފަސޭހަކަމާއެކު 6-0 ގެ ނަތީޖާއަކުންނެވެ. ބްރައިޓަންގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވުލްވްސް ފެނިގެންދިޔައީ ވަރަށް އާދައިގެ ޓީމެއްގެ ގޮތުގައެވެ.

މި މެޗްގައި ބްރައިޓަންގެ ފުރަތަމަ ލަނޑު މެޗްގެ 6 ވަނަ މިނެޓްގައި ޖަހާ ލީޑު އެޓީމަށް ނަގާދިނީ ޑެނިސް އުންޑާވްއެވެ. އަދި މި ލަނޑު ޖެހިތާ ހަތް މިނެޓްފަހުން ޕަސްކާލް ގްރޮސްވަނީ ބްރައިޓަންގެ ލީޑު ފުޅާކޮށްދީފައެވެ. މީގެއިތުރުން ގްރޮސްވަނީ މެޗްގެ 26 ވަނަ މިނެޓްގައި އޭނާ މިމެޗްގައި ކާމިޔާބުކުރި ދެވަނަ ލަނޑާއެކު ބްރައިޓަންއަށް ތިން ލަނޑުގެ ލީޑެއް ނަގާދީފައެވެ.

މި މެޗްގައި ބްރައިޓަންގެ ހަތަރުވަނަ ލަނޑު މެޗްގެ 39 ވަނަ މިނެޓްގައި ޖަހާދިނީ ޑެނީ ވެލްބެކްއެވެ. އަދި ދެވަނަ ހާފްގެ ކުޅުން ފެށިތާ ތިންވަނަ މިނެޓްގައި ވެލްބެކްވަނީ އެޓީމްގެ ފަސްވަނަ ލަނޑުވެސް ކާމިޔާބު ކޮށްދީފައެވެ. މިމެޗްގައި ބްރައިޓަންގެ ފަހު ލަނޑު މެޗްގެ 66 ވަނަ މިނެޓްގައި ޖަހާދިނީ އެޓީމްގެ ފުރަތަމަ ލަނޑުވެސް ޖަހާދިން އުންޑާވްއެވެ.

މި ކާމިޔާބީއާއެކު ބްރައިޓަން މިހާރު އުޅެނީ 31 މެޗުން ލިބިފައިވާ 52 ޕޮއިންޓާއެކު ތާވަލްގެ އަށް ވަނައިގައެވެ. އަދި ހަތްވަނައިގާ އުޅޭ ލިވަޕޫލާއި އެޓީމާއި ދެމެދު މިހާރު އޮތޯ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. ހަމައެއާއެކު 54 ޕޮއިންޓާއެކު ފަސްވަނަ އާއި ހަވަނައިގާ އުޅޭ ޓޮޓްނަމް ހޮޓްސްޕަރ އާއި އެސްޓަން ވިލާ އާއި ދެމެދު އޮތީ ދެޕޮއިންޓްގެ ތަފާތެވެ. އަދި ބްރައިޓަންއަށް ވުރެ ދެ މެޗް އިތުރަށް މިދެޓީމް ދެމެޗް ކުޅެފައިވުމުން ތާވަލްގެ ފަސްވަނައަށް ކުރިއަށް ޖެހުމުގެ ފުރުސަތު ބްރައިޓަންއަށް އަދި އެބައޮތެވެ. ނަމަވެސް ބްރައިޓަންއަށް އެހާހިސާބަށް ދެވެން އޮތީ ނުކުޅެ އޮތް ދެމެޗް ކާމިޔާބުކޮށްގެންނެވެ.

މި މެޗުން ބަލިވި ވުލްވްސް އުޅެނީ 37 ޕޮއިންޓާއެކު ތާވަލްގެ 13 ވަނައިގައެވެ.