އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ވެސްޓަން ކޮންފަރެންސް ސެމީ ފައިނަލުގައި ހަތަރުވަނައަށް ސީޑް ކުރެވިފައިވާ ފީނިކްސް ސަންސްއާ ދެކޮޅަށް ކުޅުނު ފުރަތަމަ މެޗު އެއްވަނައަށް ސީޑް ކުރެވިފައިވާ ޑެންވާ ނަގެޓްސްއިން ކާމިޔާބުކޮށްފިއެވެ.
ޑެންވަރގެ ބޯލް އެރީނާގައި ކުޅުނު މިމެޗް ނަގެޓްސް ކާމިޔާބުކުރީ 125 ޕޮއިންޓް 107 ޕޮއިންޓުންނެވެ. ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ނަގެޓްސްގެ ޖަމާލް މަރީވަނީ 34 ޕޮއިންޓް ހޯދާދީ 5 ރީބައުންޑް ނަގާދީ 9 އެސިސްޓް ކޮށްފައެވެ. އަދި ނިކޮލާ ޔޮކިޗްވަނީ 24 ޕޮއިންޓް ހޯދާދީ 19 ރީބައުންޑް ނަގާދީ 5 އެސިސްޓް ކޮށްފައެވެ.
މެޗުގައި ސަންސްއަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 29 ޕޮއިންޓް ހޯދާދީ 14 ރީބައުންޑް ނަގާދީ އެއް އެސިސްޓް ދިން ކެވިން ޑުރާންޓްއެވެ. އަދި ޑެވިން ބޫކަރވަނީ 27 ޕޮއިންޓް ހޯދާދީ 4 ރީބައުންޑް ނަގާދީ 8 އެސިސްޓް ކޮށްފައެވެ.
މި ކާމިޔާބީއާއެކު ނަގެޓްސްއިން ސެމީފައިނަލްގެ ފެށުން ރަނގަޅު ކޮށްފައިވާއިރު މި ދެޓީމްގެ މެދުގައި ކުޅުމަށް ހަމަޖެހިފައިވާ ދެވަނަ މެޗް އަންނަ މަހުގެ އެއްވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވަނީވެސް ޑެންވަރގައެވެ.