ކުޅިވަރު

ހާތާ ބާލިން ބަލިކޮށް، ބަޔާން އަލުން އެއްވަނައަށް


ޖަރުމަން ލީގުގައި ހާތާ ބާލިން، ބަލިކޮށް ތާވަލުގެ އެއްވަނައަށް އަނެއްކާވެސް އެންމެ ފަހުގެ ޗެމްޕިއަން ބަޔާން މިޔުނިކް ޖެހިލައިފިއެވެ.

ބަޔާންގެ ދަނޑުގައި ރޭ ކުޅުނު މެޗް އެ ޓީމުން ކާމިޔާބުކުރީ ދެ ލަނޑު ސުން ލަނޑުންނެވެ.

ފަހަކަށް އައިސް މާއެދެވޭ ރަނގަޅު ކުޅުމެއް ދެއްކެމުން ނުދާ ބަޔާންއިން ކޮންޓްރޯލް ކުރި މިމެޗްގެ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 69 ވަނަ މިނެޓްގައި ޖަހައި، ބަޔާންއަށް ލީޑު ނަގާދިނީ ސާޖް ގެނާބްރީއެވެ. އަދި އޭގެ 10 މިނެޓް ފަހުން ބަޔާންގެ ލީޑުފުޅާކޮށްދީ އެޓީމުން ކާމިޔާބު ކުރި ފަހު ލަނޑު ޖަހާދިނީ ކިންގްސްލޭ ކޯމަންއެވެ. މިމެޗްގައި މީގެ އިތުރުންވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުޞަތު ބަޔާންއަށް ލިބުނު ނަމަވެސް، އެއިން އެއްވެސް ފުރުޞަތެއްގެ ބޭނުން ހިފޭގޮތެއް ނުވިއެވެ.

މިކާމިޔާބީއާއެކު ބަޔާން މިހާރު ވަނީ ކުޅުނު 30 މެޗުން ލިބިފައިވާ 62 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައަށް އަލުން ޖެހިލާފައެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކަށްވީ ތާވަލްގެ އެއްވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމުންޑާއި ރެލިގޭޝަނާއި ހަނގުރާމަ ކުރަމުންދާ ބޯކަމްއާ ބައްދަލުކުރި މެޗް އެއްލަނޑު އެއްލަނޑުން އެއްވަރުވުމުންނެވެ. މިނަތީޖާގެ ސަބަބުން ޑޯޓްމުންޑް މިހާރު ވަނީ 61 ޕޮއިންޓާއެކު ތާވަލްގެ ދެވަނައަށް ފަހަތަށް ޖެހިލާފައެވެ. އަދި ހާތާ ބާލިން އުޅެނީ 22 ޕޮއިންޓާއެކު ތާވަލްގެ އެންމެ ފުލުގައެވެ.