ކުޅިވަރު

ވެސްޓަން ކޮންފަރެންސްގެ ސެމީގެ ފަހު ޖާގަ ޗެމްޕިއަން ވޮރިއާސްއަށް


އެންބީއޭ ބާސްކެޓްބޯޅަ މުބާރާތުގެ ޕްލޭއޮފްސް ވެސްޓަން ކޮންފަރެންސްގެ، ސެމީ ފައިނަލުގެ ފަހު ޖާގަ އެންމެ ފަހުގެ ޗެމްޕިއަން ގޯލްޑަން ސްޓޭޓް ވޮރިއާސްއިން ކަށަވަރުކޮށްފިއެވެ.

ވެސްޓަން ކޮންފަރެންސްގައި މިފަހަރު ހަވަނައަށް ސީޑް ކުރެވިފައިވާ ވޮރިއާސް ސެމީ ފައިނަލުން ޖާގަހޯދީ ފުރަތަމަ ބުރުގައި ތިންވަނައަށް ސީޑް ކުރެވިފައިވާ ސެކްރެމެންޓޯ ކިންގްސްއާ ބައްދަލުކޮށް ހަތަރު މެޗް ތިން މެޗުން މި ސީރީޒް ކާމިޔާބުކޮށްގެންނެވެ.

ސެކްރެމެންޓޯގެ ގޯލްޑަން ވަން ސެންޓަރުގައި ރޭ ކުޅުނު ފަހު މެޗް ވޮރިއާސް ކާމިޔާބުކުރީ 120 ޕޮއިންޓް 100 ޕޮއިންޓުންނެވެ. ދެ ޓީމްގެ ފަރާތުން ވާދަވެރި އަދި އެހާމެ ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ވޮރިއާސްގެ ތަރިއަކަށް ވެގެންދިޔައީ ސްޓެފަން ކަރީއެވެ. އޭނާވަނީ މިމެޗްގައި 50 ޕޮއިންޓް ހޯދައިދީ 8 ރީބައުންޑް ނަގައިދީ، 6 އެސިސްޓް ކޮށްފައެވެ. މިއީ ޕްލޭ އޮފް ސީރީޒެއްގެ ހަތްވަނަ މެޗްގައި ކުޅުންތެރިއަކު އެންމެ ގިނަ ޕޮއިންޓް ހޯދި ފަހަރެވެ. މީގެކުރިން މިރިކޯޑް އޮތީ ކެވިން ޑުރާންޓް އަތުގައެވެ. އެއީ 48 ޕޮއިންޓެވެ.

މިމެޗްގައި ކިންގްސްއަށް އެންމެ ރަނގަޅު ކުޅުމެއް ދައްކަދިނީ 22 ޕޮއިންޓް ހޯދާދީ 8 ރީބައުންޑް ނަގާދީ 7 އެސިސްޓް ދިން ޑޮމަންޓާސް ސަބޮނިސްއެވެ. މިކާމިޔާބީއާއެކު ވެސްޓަން ކޮންފަރެންސްގެ ސެމީ ފައިނަލުން ވޮރިއާސް ޖާގަ ހޯދާފައިވާއިރު، ސެމީގައި އެ ޓީމް ބައްދަލުކުރުމަށް ހަމަޖެހިފައިވަނީ ހަތްވަނައަށް ސީޑް ކުރެވިފައިވާ ލޮސް އެންޖަލިސް ލޭކާސްއާއެވެ. މިއާއެކު އަނެއްކާވެސް ކަރީ އާއި، ލެބްރޮން ޖޭމްސްގެ ވާދަވެރި ކުރިމަތިލުންތަކެއް ސެމީ ފައިނަލުގެ މި ސީރީޒްގައި ފެނިގެން ދާނެއެވެ.

މީގެ އިތުރުން އީސްޓަން ކޮންފަރެންސްގެ ސެމީ ފައިނަލްގައި ފަސްވަނައަށް ސީޑް ކުރެވިފައިވާ ނިއުޔޯކް ނިކްސް އާއި އަށްވަނައަށް ސީޑް ކުރެވިފައިވާ މައޭމީ ހީޓް ބައްދަލުކުރި ފުރަތަަމަ މެޗް 108 ޕޮއިންޓް 101 ޕޮއިންޓުން ކާމިޔާބުކުރީ ހީޓެވެ. ނިއުޔޯކްގެ މެޑިސަން ސްކުއެއާ ގާޑެންގައި ކުޅުނު ފުރަތަމަ މެޗްގައި ހީޓްގެ ޖިމީ ބަޓްލާ ވަނީ 25 ޕޮއިންޓް ހޯދާދީ 11 ރީބައުންޑް ނަގާދި 4 އެސިސްޓް ކޮށްފައެވެ. އަދި ނިކްސްގެ އާރްޖޭ ބަރެޓް ވަނީ 26 ޕޮއިންޓް ހޯދާދީ 9 ރީބައުންޑް ނަގާދީ 7 އެސިސްޓް ކޮށްފައެވެ.