ކުޅިވަރު

ލެސްޓާ ސިޓީ އާއި އެވަޓަންގެ ކުރިމަތިލުން އެއްވަރު


އިނގިރޭސި ޕްރިމިއާރ ލީގުގައި ރެލިގޭޝަނާއި ހަނގުރާމަކުރަމުން އަންނަ ދެ ޓީމު ކަމަށްވާ ލެސްޓާ ސިޓީއާއި އެވަޓަން ބައްދަލުކުރި މެޗު އެއްވަރުވެއްޖެއެވެ.

ލެސްޓަރގެ ދަނޑުގައި ރޭ ކުޅުނު މެޗް ނިމުނީ ދެލަނޑު ދެލަނޑުން އެއްވަރުވެގެންނެވެ.

މިމެޗުން މޮޅުވާ ޓީމަކަށް ރެލިގޭޝަންގެ ބިރު ވަރަށް ބޮޑަށް ކުޑަވެގެންދިއުމުގެ ފުރުސަތު އޮތްނަމަވެސް މިމެޗް އެއްވަރުވުމާއެކު މިދެޓީމަށްވެސް ރެލިގޭޝަންގެ ބިރު އަދިވެސް އެބައޮތެވެ. މިމެޗްގައި ދެޓީމުންވެސް ވަނީ ވަރަށް ވާދަވެރި އަދި ފޯރިގަދަ ކުޅުމެއް ފެނިގެން ގޮސްފައެވެ. މިގޮތުން މިމެޗްގެ ފުރަތަމަ ހާފް ވެގެންދިޔައީ ދެޓީމްގެ ސަޕޯޓަރުންވެސް ނޭވާ ހިފަހައްޓާލައިގެން ތިބެން ޖެހުނު ހާފަކަށެވެ.

ދެޓީމުންވެސް ފޯރީގައި ފެށި މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 15 ވަނަ މިނެތްގައި ލިބުނު ޕެނަލްޓީ އަކުން ކާމިޔާބުކޮށް ކުރި ހޯދީ އެވަޓަންއެވެ. މިލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ޑޮމިނިކް ކެލްވަރޓް ލުވިންއެވެ. ނަމަވެސް ލަނޑު އެވަޓަންއިން ކާމިޔާބުކޮށް ލީޑު ނެގިތާ ހަތް މިނެޓްފަހުން ލެސްޓަރއިން ވަނީ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ ޑިފެންޑަރ ޗަގްލާ ސޮޔުންޗޫއެވެ. އަދި މެޗްގެ 33 ވަނަ މިނެޓްގައި އެވަޓަންގެ މެދުތެރެއިން އެލެކްސް އިވޯބީއަތުން ގެއްލުނު ބޯޅައިގެ ފައިދާ ނަގާ ލެސްޓަރއިން އެޓީމްގެ ލީޑު ފުޅާކުރިއެވެ. މިލީޑު އެޓީމަށް ނަގާދިނީ ތަޖްރިބާކާރު ފޯވަޑް ޖެމީ ވާރޑީއެވެ.

މިމެޗްގެ ފުރަތަމަ ހާފް ނިމެން ގާތްވެފައިވަނިކޮށް އެވަޓަންގެ ކެލްވަރޓް ލުވިންއަށް ހުސް ގޯލެއްގެ ތެރެއަށް ބޯޅަ ވައްދާލަން ރަނުގެ ފުރުސަތެއް ލިބިގެންދިޔައިރު ލެސްޓަރއިން ދެން އުފެއްދި ހަމަލާގައި ވާރޑީ ފޮނުވާލި ބޯޅަ އަމާޒުވީ އެވަޓަން ގޯލްގެ ހުރަސް ދަނޑިއަށެެވެ. މިމެޗްގެ ފުރަތަމަ ހާފްގެ އިތުރު ވަގުތު ލެސްޓަރއަށްވެސް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. ނަމަވެސް ޖޭމްސް މެޑިސަން ފޮނުވާލި ޕެނަލްޓީ ވަނީ އެވަޓަންގެ ކީޕަރ ޖޯޑަން ޕިކްފަޑް ދިފާއުކޮށްފައެވެ.

މިމެޗްގެ ދެވަނަ ހާފްގައި އެވަޓަންއިން އެޓީމްގެ ކުޅުން ރަނގަޅުކުރިތަން ފެނިގެންދިޔައެވެ. މިގޮތުން މެޗްގެ 54 ވަނަ މިނެޓްގައި އިވޯބީވަނީ ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކޮށްފައެވެ. މިހާފްގައިވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތު ދެޓީމަށްވެސް ލިބި ބޭކާރުވެގެންދިޔަކަން ފާހަގަކޮށްލެވުނެވެ.

މިމެޗް އެއްވަރު ވުމާއެކު ލެސްޓަރ މިވަގުތަށްވަނީ ފައިދާ ގޯލަށް ބަލާ ތާވަލްގެ 16 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އެއީ ކުޅުނު 34 މެޗުން ލިބިފައިވާ 30 ޕޮއިންޓާއެކުއެެވެ. 17 ވަނައިގާ އުޅޭ ލީޑްސް ޔުނައިޓެޑާއި 18 ވަނައަށް މިހާރު ވެއްޓިފައިވާ ނޮޓިންގހަމް ފޮރެސްޓަށްވެސް ލިބިފައިވަނީ 30 ޕޮއިންޓެވެ. ފައިދާ ގޯލް މައިނަސްގައި އުޅޭ މި 3 ޓީމަށް ބަލާލާއިރު މައިނަސް ގޯލް އެންމެ މަދުން އޮތީ ލެސްޓަރގެއެވެ. އަދި އެވަޓަން އަދިވެސް އޮތީ 34 މެޗުން ލިބިފައިވާ 29 ޕޮއިންޓާއެކު ތާވަލްގެ 19 ވަނައިގައެވެ.