އިނގިރޭސި ޕްރިމިއާރ ލީގު ހޯދުމުގެ ވާދަވެރިކަން އަދި ނުނިމޭ ކަމަށާއި، ސީޒަނުގެ އެންމެ މުހިންމު ބައި އަދި އޮތީކަމަށް އާސެނަލުގެ ކޯޗު މިކޭލް އާޓޭޓާ ބުނެފިއެވެ.
އާޓޭޓާ މިކަން ހާމަކޮށްފައިވަނީ ގިނަ ދުވަސްތަކެއް ވަންދެން ލީގުގެ އެއްވަނައިގައި އޮތުމަށްފަހު މިދިޔަ އާދިއްތަ ދުވަހުގެ ރޭ އެންމެފަހުގެ ޗެމްޕިއަން މެންޗެސްޓަރ ސިޓީއިން ތާވަލްގެ އެއްވަނައަށް އެރުމާއި ގުޅިގެން ވާހަކަ ދައްކަމުންނެވެ.
އާސެނަލް މިވަގުތު އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 75 ޕޮއިންޓާއެކު ތާވަލްގެ ދެވަނައިގައެވެ. ނަމަވެސް މިރޭ ޗެލްސީ އާއި ބައްދަލުކުރާ މެޗް ކާމިޔާބު ކުރެވިއްޖެނަމަ އަނެއްކާވެސް ތާވަލްގެ އެއްވަނައަށް އެރުމުގެ ފުރުސަތު އާސެނަލްއަށް ލިބިގެންދާނެއެވެ. ނަމަވެސް އެއީ ސިޓީއަށް ވުރެ ދެމެޗް އިތުރަށް ކުޅެގެންނެވެ. ސިޓީ މިވަގުތު އޮތީ 32 މެޗުން ލިބިފައިވާ 76 ޕޮއިންޓާއެކު ތާވަލްގެ އެއްވަނައިގައެވެ.
މިސީޒަންގައި އާސެނަލް ވަނީ 247 ދުވަސް ވަންދެން ތާވަލްގެ އެއްވަނަ މަގާމްގައި އޮވެފައެވެ. ސިޓީއަށް އެއްވަނައިގާ އޮވެވުނީ އެންމެ 16 ދުވަހުއެވެ. އާޓޭޓާ ހާމަކުރިގޮތުގައި އާސެނަލްއިން ބޭނުންވަނީ މިރޭ ޗެލްސީ ބަލިކޮށް ވޭތުވެދިޔަ ހަތަރު މެޗުން މޮޅުނުވެވި އޮތް އޮތުން ނިމުމަކަށް ގެނެސް ކަންތައްތައް އަލުން ހަމައަކަށް އަޅުވަންށެވެ. އަދި ލީގުގައި ބާކީ ފަސް މެޗް އޮތުމާއި މިފަސް މެޗްގައި ގިނަ ކަންތައްތަކެއް ހިނގުން ގާތްކަމުން އަދިވެސް ލީގު ކާމިޔާބު ކުރުމުގެ ފުރުސަތު އާސެނަލްއަށް އެބައޮތް ކަމަށް ކޯޗު ބުންޏެވެ.
ނަމަވެސް އާޓޭޓާވެސް ގަބޫލް ކުރާގޮތުގައި ލީގު ކާމިޔާބު ކުރުމުގެ އަމިއްލަ ބާރު މިހާރުވަނީ އާސެނަލް އަތުން ގެއްލިފައެވެ. އެހެން ކަމުން މިހާރު ކުރެވެން އޮތް ކަމަކީ ބާކީ ހުރި ހުރިހާ މެޗެއް ކާމިޔާބުކޮށް ސިޓީގެ މެޗްތަކަށް ވާގޮތެއް ބަލަން ތިބުމެވެ. ނަމަވެސް އާސެނަލްއަށް މިހާރުވެސް ޔަގީންވާކަމަކީ 2016-2017 ވަނަ އަހަރުގެ ސީޒަނަށްފަހު ފުރަތަމަ ފަހަރަށް މިއަންނަ ސީޒަންގައި އާސެނަލްއަށް ޔުއޭފާ ޗެމްޕިއަންސް ލީގުގައި ވާދަކުރެވޭނެކަމެވެ. އާޓެޓާ ހާމަކުރިގޮތުގައި މިއީ އާސެނަލްއަށް ހޯދުނު ވަރަށް ބޮޑު ކާމިޔާބީއެކެވެ.