ވިޔަފާރި

ހުޅުމާލެއާއި މާލެއާއި ދެމެދު އޭސީ ފެރީގެ ޚިދުމަތް ފަށައިފި


ހުޅުމާލެއާއި މާލެއާއި ދެމެދު އެމްޓީސީސީން އެއަރކޮންޑިޝަން ފެރީގެ ޚިދުމަތް ތަޢާރަފް ކޮށްފިއެވެ. 

އެމްޓީސީސީ ޕްރިމިއަމް ލިންކްގެ ނަމުގައި އަލަށް ތަޢާރަފް ކުރި ޚިދުމަތުގެ ދަށުން އެކުންފުނިން ގެނެސްފައިވާ ދެ ފެރީގެ ޚިދުމަތް ރަސްމީކޮށް ފައްޓަވައިދެއްވީ އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމެވެ. ޕްރިމިއަމް ލިންކް ޚިދުމަތުގެ ޓިކެޓްގެ އަގަކީ 10 ރުފިޔާއެވެ.

އާ ފެރީތަކާއިއެކު ހުޅުމާލެއާ މާލެއާއި ދެމެދު ކުރާދަތުރުތަށް ގާތްގަނޑަކަށް 15 މިނެޓަށް ކުރުވެގެންދާނެއެވެ. މި ފެރީގެ ދަތަރުތަށް ބޭއްވުމަށް އެކުންފުނިން ނިންމާފައި ވަނީ ޕީކް ގަޑިތަކުގައި 30 މިނެއްޓުން އަދި އޮފް ޕީކް ގަޑިތަކުގައި ގަޑިއަކު އެއް ފަހަރެވެ. 

އެމްޓީސީސީ ޕްރިމިއަމް ލިންކްގެ ޚިދުމަތް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އެންވަޔަރަމަންޓް މިނިސްޓަރ ތޯރިޤް އިބްރާހީމް ވިދާޅުވީ، އެމްޓީސީސީ ފަދަ ކުންފުނިތަކުގެ ޚިދުމަތްތައް ދުވަހެއް ދުވަހަކަށް ފުޅާކުރަމުން ގެންދާއިރު ތިމާވެއްޓާއި ރައްޓެހި ގޮތަކަށް ހަކަތަ ބޭނުން ކުރުމަށް އިސްކަންދޭން ޖެހޭކަމަށެވެ.

އެމްޓީސީސީގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ ފެންވަރު ރަނގަޅު 2 ފެރީ ޚިދުމަތައް ނެރުނު ނަމަވެސް މިހާރުވެސް މި ފެންވަރުގެ އިތުރު ފެރީތަށް ބަނުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން މިއަހަރުތެރޭ ވިލިނގިއްޔަށް ދަތުރު ކުރުމަށްވެސް މިފެންވަރުގެ ފެރީތައް ތަޢާރަފް ކުރެވޭނެ ކަމަށް ސީއީއޯ ވިދާޅުވިއެވެ.

ސަލާމަތީ ކަންކަން ވެސް ވަރުގަދަކޮށް ފަރުމާކޮށްފައިވާ އޭސީ ފެރީ ބަނުމަށް ކޮންމެ ފެރީ އަކަށް 4.2 މިލިއަން ރުފިޔާ އެކުންފުނިން ވަނީ ޚަރަދު ކޮށްފައެވެ. ޕްރިމިއަމް ލިންކުގެ ޙިދުމަތާއިއެކު ފެރީޓަރމިނަލްގައި ޕްރިމިއަމް ލައުންޖުތަކެއްވެސް އެކުންފުނިން ވަނީ ޤާއިމްކޮށްފައެވެ.