ކުޅިވަރު

އާސެނަލް ބަލިކޮށް ވުލްފްސްބާގް ފައިނަލަށް


ޔުއެފާ ވިމެންސް ޗެމްޕިއަންސް ލީގުގެ ފައިނަލުން ވުލްފްސްބާގް ޖާގަ ހޯދައިފިއެވެ.

މިމުބާރާތުގެ ފައިނަލުން ވުލްފްސްބަރގް ޖާގަހޯދީ ސެމީފައިނަލްގައި އާސެނަލްއާ ބައްދަލުކޮށް ފަސް ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާއަކުން ކުރި ހޯދައިގެންނެވެ.

މިދެޓީމްގެ މެދުގައި ކުޅުނު ފުރަތަމަ ލެގް ވުލްފްސްބަރގްގެ ދަނޑުގައި ކުޅެ 2 ލަނޑު 2 ލަނޑުން ދެޓީމް އެއްވަރުވިއިރު، އާސެނަލްގެ ދަނޑުގައި ރޭ ކުޅުނު ދެވަނަ ލެގްގެ ފުރިހަމަ ވަގުތު ހަމަވިއިރުވެސް ދެޓީމް 2 ލަނޑު 2 އޮތީ އެއްވަރުވެފައެވެ. އެހެންކަމުން ހަތަރު ލަނޑު ހަތަރު ލަނޑުގެ އެގްރިގޭޓް ނަތީޖާ އަކުން ދެޓީމް އެއްވަރުވުމުން ނަތީޖާ ނެރުމަށްޓަކައި އިތުރު ވަގުތުގެ ދެހާފް ކުޅުނެވެ.

ވުލްފްސްބަރގުން ސެމީފައިނަލް ދިޔައީ އިތުރު ވަގުތުގެ ކުޅުން ނިމެންދަނިކޮށް ޖެހި ލަނޑާއެކުއެވެ.

ސަޕޯޓަރުންނާއެކު ފުރާލާފައިވާ އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމް ކުޅުނު މެޗުގެ ކުރީކޮޅު އާސެނަލުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މިގޮތުން މެޗްގެ 11 ވަނަ މިނެޓްގައި ސްޓިނާ ބްލެކްސްޓޭނިއަސް ޖަހާދިން ލަނޑާއެކު އާސެނަލްއިން މިމެޗްގެ ލީޑު ނެގިއެވެ. ނަމަވެސް ފުރަތަމަ ހާފް ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޖިލް ރޫޑް ޖަހާދިން ލަނޑާއެކު މިމެޗްގެ ނަތީޖާ ވުލްފްސްބަރގްއިން ހަމަހަމަކުރިއެވެ. އަދި ފުރަތަމަ ލެގްގައި އަނިޔާގެ ސަބަބުން ނުކުޅެވުނު ވުލްފްސްބަރގްގެ ކެޕްޓަން އެލެގްޒެންޑަރ ޕޮޕްވަނީ މެޗްގެ 58 ވަނަ މިނެޓްގައި ޖަހާދިން ލަނޑުން މިމެޗްގައި ފުރަތަމަ ފަހަރަށް އެޓީމަށް ލީޑު ނަގާދީފައެވެ.

މިމެޗްގެ ނަތީޖާ އާސެނަލްއިން ހަމަހަމަ ކުރީ މެޗް ނިމެން 15 މިނެޓަށް ވެފައިވަނިކޮށް ޖެން ބީޓީ ޖަހާދިން ލަނޑުންނެވެ. މިލަނޑާއެކު ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާއަށް އިތުރު ބަދަލެއް ނައުމުން ނަތީޖާ ނެރުމަށްޓަކައި 15 މިނެޓްގެ އިތުރު ދެހާފް ކުޅުނެވެ. އިތުރު ވަގުތުގައި ވުލްފްސްބަރގް މޮޅުވި ލަނޑު މެޗްގެ 119 މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދީ، އެ ޓީމަށް ފައިނަލްގެ ޖާގައެއް ކަށަވަރު ކޮށްދިނީ ބަދަލު ކުޅުންތެރިޔާ ޕައުލީން ބްރެމަރ ޖަހާދިން ލަނޑުންނެވެ. މިލަނޑު ޖެހުމުގައި އާސެނަލްގެ ޑިފެންޑަރ ލޮޓޭ ވުބެން މޯއިއަށް ހެދުނު ގޯސް ވަރަށް ބޮޑު ދައުރެއް ކުޅުނެވެ.

މިކާމިޔާބީއާއެކު ވުލްފްސްބަރގް ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދަތުރު ކޮށްފައިވާއިރު ފައިނަލްގައި ބައްދަލުކުރާނީ އެންމެފަހުގެ ރަނަރަޕް ބާސެލޯނާ އާއެވެ. ބާސެލޯނާ ފައިނަލުން ޖާގަ ހޯދީ ސެމީފައިނަލްގައި ޗެލްސީއާ ބައްދަލުކޮށް ކުރި ހޯދައިގެންނެވެ. މިމުބާރާތުގެ ފައިނަލް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ ޖޫން މަހުގެ ތިންވަނަ ދުވަހު ނެދަލަންޑްސްގެ އެއިންދްހޯވެންގައެވެ.