ހުޅުމާލޭ ވޮލީބޯޅަ ކޯޓުގައި ފެށި އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގެ ފުރަތަމަ މެޗުތައް ސްޓެލްކޯ އާއި އާބަންކޯއިން ކާމިޔާބުކޮށްފިއެވެ.
މި މުބާރާތުގެ ކުޅުން ފެށީ އިއްޔެ ހަވީރު ސްޓެލްކޯ އާއި އެމްއޭސީއެލް ވާދަކުރި މެޗުންނެވެ. މި މެޗު ސީދާ ތިން ސެޓުން ކާމިޔާބުކުރީ ސްޓެލްކޯއެވެ. ތިން ސެޓުން މެޗު ނިމުނު ނަމަވެސް ހުރިހާ ސެޓެއްވެސް ފެނުނީ ވާދަވެރިކޮށެވެ.
ބީޗްވޮލީބޯޅަ ދެ ތަރިންކަމަށްވާ މުހައްމަދު އަލީ (ޑެންޒޯ) އާއި އަހުމަދު މުހައްމަދު (ކޯކޭ) އަދި އިންޑިއާގެ ގަގަންދީޕް ސިންގް ކުޅުނު ސްޓެލްކޯއިން މެޗުގެ ސެޓުތައް ގެންދިޔައީ 33-31، 25-19 އަދި 27-25 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމް ހޯދީ ގަގަންދީޕް އެވެ.
ދެ ވަނަ މެޗުގައި ރޭ އެމްޕީއެލް ނިކުތީ މި މުބާރާތަށް ވަރުގަދައަށް ތައްޔާރުވި އާބަންކޯއާ ދެކޮޅަށެވެ. ގައުމީ ބީޗް ވޮލީބޯޅަ ޓީމްގެ އިސްމާއިލް ސާޖިދު (ކުޑަކާއްޓޭ) ލީޑު ކުރި އާބަންކޯއިން މި މެޗު ކާމިޔާބުކުރީ ސީދާ ތިން ސެޓުންނެވެ.
މެޗުގެ ސެޓުތައް އެޓީމުން ގެންދިޔައީ 25-20، 25-10 އަދި 25-18 އިންނެވެ. އާބަންކޯ ޓީމްގައި ގައުމީ ޓީމްގެ ކުރީގެ ސެޓަރު އިޝާން މުހައްމަދު (ބަޓިސް) އާއި ގައުމީ ޓީމްގެ އެއް ވަނަ ބްލޮކަރު، އާދަމް ފައިރޫޒް ހިމެނެއެވެ.
މުބާރާތުގައި މިއަދުވެސް ދެ މެޗެއް ކުޅޭނެއެވެ. ހަތަރު އަހަރުގެ މެދު ކެނޑުމަކަށް ފަހު މި އަހަރު ފެށި އޮފީސް/ކުންފުނިތަކުގެ ވޮލީބޯޅަ މުބާރާތުގައި ނުވަ ޓީމެއް އަންނަނީ ވާދަކުރަމުންނެވެ. ނުވަ ޓީމް ދެ ގްރޫޕަކަށް ބަހާލާފައިވާއިރު ގްރޫޕް އޭގައި ހިމެނެނީ މޯލްޑިވްސް ޕޮލިސް ސާވިސް، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)، އާބަންކޯ، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އަދި ސްޓެލްކޯއެވެ. ގްރޫޕް ބީގައި ހިމެނެނީ އެމްއެންޑީއެފް، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)، ވެމްކޯ އަދި މޯލްޑިވްސް ކަރެކެޝަނަލް ސާވިސް އެވެ.