ކުޅިވަރު

ބާސެލޯނާގެ އިންޑޯ އެރީނާގެ ޕްލޭން އާންމުކޮށްފި


ބާސެލޯނާޔަކީ ދުނިޔޭގައި މިހާރު އޮތް އެންމެ ވަރުގަދަ ފުޓްބޯޅަ ކްލަބަށް ނުވާ ފަރާތްތަކަށްވެސް ޔަގީނުންވެސް ދެވަނަޔަށް އެންމެ ވަރުގަދަ ކްލަބަކަށް ވާނީ ބާސެލޯނާ އެވެ.

ބާސެލޯނާއިން މިފަހަރު ކުރަން ފަށާފައިވާ މަސައްކަތަކީ ގިނަ ކުޅިވަރުތަކެއް ކުޅެވޭ އިންޑޯ އެރީނާއެއްގެ މަސައްކަތެވެ.

ގިނަ ކުޅިވަރުތަކެއް ކުޅެވޭ ގޮތަށް ތައްޔާރުކުރާ އިންޑޯރ އެރީނާގެ ޕްލޭން އެފް.ސީ ބާސެލޯނާއިން އިފްތިތާހުކުރީ އަންގާރަ ދުވަހު އެވެ. މި ތަން ތައްޔާރުކުރުމަށް ހަމަޖެހިފައިވަނީ ކޭމްޕް ނޫ ސްޓޭޑިއަމާ ޖެހިގެންނެވެ. "ނޫ ޕަލައު ބްލައުގްރާނާ"ގެ ނަން ދެވިފއިވާ މި އެރީނާޔަކީ 12،000 މީހުންގެ ޖާގައިގެ އެރީނާޔެކެވެ. މިތަނުގައި ކުޅިވަރުގެ ހަރަކާތްތަކާއި ސަގާފީ އެކި ހަރަކާތްތަށް ބޭއްވޭނެކަމަށް ބާސެލޯނާއިން ބުނެފައިވެއެވެ. މި އިމާރާތް ފަރުމާކުރެވިފައިވަނީ ތިމާވެއްޓާއި ރައްޓެހި ގޮތްތަކަށެވެ.

އިންޑޯ އެރީނާޔާއެކު ތަރައްޤީ ކުރެވޭ ކޯޓުގައި ދެހާސް ކުޅިބެލުންތެރިންނަށް ތިބެވޭނެ އެވެ. އަދި އެޔާއެކު އައިސް ސްކޭޓް ކުރެވޭނެ ތަނެއްވެސް ހެދޭނެއެވެ.

މި ކޮމްޕްލެކްސްގައި ބާސެލޯނާގެ ސްކޫލެއްވެސް ހިންގުމަށްވަނީ ހަމަޖެހިފަ އެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށުމަށް ހަމަޖެހިފައިވަނީ 2017/2018 ސްޕެއިންގެ ސީޒަނާއެކު އެވެ. މަސައްކަތް އެއްކޮށް ނިމުމަށް ދެ އަހަރު ނަގާނެކަމަށް ބާސެލޯނާއިން ހާމަކުރެ އެވެ.

"އަހަރުމެން މި އަޅާ އާ ތަން ވެގެންދާނީ ވަރަށް ތަފާތު، ރީތި އިމާރާތަކަށް. އެކަމަކު އެއާއެކު ގިނަ ކުޅިވަރުތަކެއްވެސް އެތާ ކުޅެވޭނެ" މިތަނާ ބެހޭގޮތުން ވާހަކަދައްކަމުން ބާސެލޯނާގެ ރައީސް ޔޮސެޕް މާރިއޯ ބާތޮމެއު ބުންޏެވެ.

ބާސެލޮނާގެ މި މަޝްރޫއު ފަރުމާކޮށްފައިވަނީ އެމެރިކާގެ ބަޔެކެވެ.