ކުޅިވަރު

ޗެމްޕިއަން ރެއާލް އަތުން ސޮސިއެޑާޑަށް މޮޅެއް


ސްޕެނިޝް ލީގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅުނު މެޗު ރެއާލް ސޮސިއެޑާޑުން ކާމިޔާބުކޮށްފިއެވެ.

ސޮސިއެޑާޑްގެ ދަނޑުގައި ކުޅުނު މިމެޗް އެޓީމް ކާމިޔާބުކުރީ 2 ލަނޑު ސުން ލަނޑުންނެވެ.

ދެޓީމްގެ ފަރާތުން ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މިމެޗްގައި ސޮސިއެޑާޑްއިން ގިނައިރު ބޯޅަ ގެންގުޅުނު އިރު ގިނަ ހަމަލާ އުފައްދާފައިވަނީ ރެއާލްއިންނެވެ. ދެޓީމްގެ ފަރާތުން ވަރަށް ހަމަހަމަ ކުޅުމެއް ފެނިގެންދިޔަ ފުރަތަމަ ހާފްގައި ދެޓީމުން ކުރެ އެއްވެސް ޓީމަކަށް ލަނޑެއް ކާމިޔާބު ކުރެވޭގޮތެއްނުވިއެވެ. މިމެޗްގެ ފުރަތަމަ ލަނޑު މެޗްގެ 47 ވަނަ މިނެޓްގައި ޖަހާ ސޮސިއެޑާޑަށް ލީޑު ނަގާދިނީ ޓަކެފޫސާ ކޫބޯއެވެ. މިލަނޑަކީ ރެއާލްގެ ޑިފެންޑަރ އެޑަރ މިލިޓާއޯ އެޓީމްގެ ކީޕަރ ޓީބޯ ކޯޓުއަރއަށް ފަހަތަށް ޖައްސާލި ބޯޅަ މަޑުވުމުގެ ފައިދާ ނަގާ ކޫބޯ ކާމިޔާބުކުރި ލަނޑެކެވެ. ރެއާލް އިން ލަނޑެއް ޖަހާ މެޗްގެ ނަތީޖާ ހަމަހަމަ ކުރެވޭތޯ މަސައްކަތް ކުރި ނަމަވެސް އެޓީމުން ކުރަމުންދިޔަ މަސައްކަތަށް އިތުރަށް ހުރަސް އެޅިގެންދިޔައީ މެޗްގެ 61 ވަނަ މިނެޓްގައި ދެވަނަ ރީނދޫ ކާޑާއެކު ރެއާލްގެ ޑަނީ ކާވަހާލްއަށް ރަތްކާޑު ދައްކާ ދަނޑުން ފޮނުވާލުމުންނެވެ. މިމެޗްގައި ސޮސިއެޑާޑްއިން ކާމިޔާބުކުރި ދެވަނަ ލަނޑު މެޗްގެ 85 ވަނަ މިނެޓްގައި އެޓީމަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިޔާ އެންޑަރ ބެރެނެޓްޒިއާއެވެ.

މިކާމިޔާބީއާއެކު ސޮސިއެޑާޑް މިހާރު އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 61 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނައިގައެވެ. އަދި ރެއާލް މިމެޗުން ބަލިވުމުން ލީގު ކާމިޔާބު ކުރުމަށް އޮތް ހަނި ފުރުސަތުވެސް މިހާރުވަނީ ގެއްލިގެން ގޮސްފައެވެ. އެޓީމަށް 33 މެޗުން ލިބިފައިވަނީ 68 ޕޮއިންޓެވެ. މިމެޗުން ބަލިވުމުން ރެއާލް އާއި ތާވަލްގެ އެއްވަނައިގާ އުޅޭ އެފްސީ ބާސެލޯނާ އާއި ދެމެދުގައިވާ ފަރަގު މިހާރުވަނީ 14 ޕޮއިންޓަށް އިތުުރު ވެގެން ގޮސްފައެވެ. އެހެންކަމުން ބާރސާ ދެން ކުޅޭ މެޗް ކާމިޔާބުކޮށްފިނަމަ އެޓީމަށް ލީގު ކާމިޔާބު ކުރެވިގެންދާނެއެވެ.