ކުޅިވަރު

ހުއްދަ ނެތި ސައުދީއަށް ދިޔުމާ ގުޅިގެން މެސީއަށް ސަސްޕެންޝަނެއް


ކުލަބުގެ ހުއްދަ ނެތި ސައުދީ އަރަބިއްޔާއަށް ދަތުރުކުރުމާ ގުޅިގެން ޕީއެސްޖީން އާޖެންޓީނާގެ ކެޕްޓަން ލިއޮނެލް މެސީ ސަސްޕެންޑް ކޮށްފިއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި ޕީއެސްޖީން މެސީ ސަސްޕެންޑް ކޮށްފައިވަނީ ދެހަފްތާގެ މުއްދަތަށެވެ.

މެސީ ސައުދީ އަރަބިއާއަށް ދަތުރު ކޮށްފައިވަނީ މިދިޔަ އާދިއްތަ ދުވަހު އަމިއްލަ ދަނޑުގައި ލޮރިއެންޓާއެކު ކުޅެ ބަލިވި މެޗަށްފަހުއެވެ. އެމެޗްގައި މެސީވަނީ 90 މިނެޓް ކުޅެފައެވެ. ޕީއެސްޖީން ހާމަކޮށްފައިވާގޮތުން މިދެހަފްތާގެ މުއްދަތުގައި މެސީ އެކްލަބްގެ އެއްވެސް މެޗެއްގައިވެސް އަދި ފަރިތަކުރުންތަކުގައިވެސް ބައިވެރިނުވާނެއެވެ.

މައުލޫމާތުލިބިފައިވާ ގޮތުގައި އިޝްތިހާރުގެ މަސައްކަތެއްގައި މިދަތުރު ދިއުމަށް މެސީ އެދުމުން ޕީއެސްޖީން ވަނީ އެކަމަށް ހުއްދަ ދޭން ދެކޮޅު ހަދާފައެވެ. އަދި މިދަތުރާއި ގުޅިގެން މެސީވަނީ ޖުރިމަނާވެސް ކޮށްފައެވެ.

މެސީ އަންނަނީ ސައުދީ އަރަބިއާގެ ޓޫރިޒަމް އެމްބެސެޑަރއެއްގެ ރޯލް އަދާ ކުރަމުންނެވެ.

ޕީއެސްޖީ އާއެކު މެސީ ހަދާފައިވާ ދެ އަހަރު ދުވަހުގެ އެއްބަސްވުން މިސީޒަންގެ ނިޔަލަށް ހަމަވާނެއެވެ. އަދި މިހާދިސާ އާއެކު މެސީ މިއަންނަ ސީޒަންގައި ޕީއެސްޖީން ނުފެންނާނެކަން މިހާރު ގާތްގަޑަކަން ޔަގީންވާކަމުގައި ކަމާބެހޭ ތަޖްރިބާކާރުން ހާމަކުރެއެވެ. މެސީ ވަނީ އޭނާ ޕީއެސްޖީއަށް ކުޅުނު 71 މެޗްގައި 31 ލަނޑު ޖަހާދީ 34 އެސިސްޓް ކޮށްފައެވެ.

މިސަސްޕެންޝަންގެ ސަބަބުން މެސީ ދެމެޗް ގެއްލޭނެއެވެ. ލީގުގައި ޕީއެސްޖީއަށް މިހާރު ބާކީ ފަސް މެޗް އޮތް އިރު އެޓީމް އުޅެނީ ފަސް ޕޮއިންޓް ކުރީގައެވެ.