ކުޅިވަރު

ފުޓްބޯޅަ ކޯޗިންގެ އެންމެ މަތީ ފާސް ސުޒެއިން، އިންމަ އަދި ނިޒާމްބެއަށް


ރާއްޖޭގެ ތަޖުރިބާކާރު ތިން ފުޓުބޯޅަ ކޯޗުން ކަމަށްވާ މުހައްމަދު ނިޒާމް (ނިޒާމްބެ)، އަލީ ސުޒޭން އަދި އިސްމާއިލް މަހްފޫޒް (އިންމަ) އަށް ފުޓުބޯޅަ ކޯޗިންގެ އެންމެ މަތީ ފާސް ކަމަށްވާ ޕްރޯ ލައިސަންސް ލިބިިއްޖެއެވެ.

ޕްރޯ ލައިސަންސް ހާސިލުކުރި ތިން ކޯޗުންނަށް ޝަރަފްގެ ފިލާ ހަދިޔާކުރެއްވީ ރޭ ބޭއްވި ޕްރެޒިޑެންޓްސް ކަޕް ފުޓްބޯޅަ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގެ ތެރެެއިންނެވެ. މި ފިލާ ހަވާލުކޮށްދެއްވީ ފުޓުބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ރައީސް ބައްސާމް އަދީލް ޖަލީލެވެ.

މި ތިން ކޯޗުންނާއެކު ރާއްޖޭގައި ހަރަކާތްތެރިވާ ޕްރޯ ލައިސަންސް ކޯޗުންގެ އަދަދު ވަނީ ފަހަކަށް އަރާފައެވެ. މީގެކުރިން ޕްރޯ ލައިސަންް ލިބިފައިވަނީ މުހައްމަދު ޝިޔާޒް (މޯހަން) އާއި މުހައްމަދު ޝާޒްލީ (ޝާޒް) އަށެވެ.

އަލަށް ޕްރޯ ލައިސަންސް ހާސިލުކުރި ތިން ކޯޗުންގެ ތެރެއިން އިންމަ މަސައްކަތްކުރަނީ ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ގައެވެ. އަދި މުހައްމަދު ނިޒާމް (ނިޒާމްބެ) މިއަހަރު ފުރަތަމަ ޑިވިޝަނަށް އަލަށް ކޮލިފައިވި ބުރު ސްޕޯޓްސް ކުލަބަށް ކޯޗުކަން ކޮށްދޭއިރު އަލީ ސުޒޭން މަސައްކަތްކުރަނީ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަމުގެ މަޤާމުގައެވެ.

މި ތިން ކޯޗުންވެސް ވަނީ ރާއްޖޭގައި ކުލަބުތަކުގެ އިތުރުން ޤައުމީ ސީނިއާ އަދި ޖޫނިއާ ޓީމުތަކަށް ކޯޗުކަންކޮށްދީ ގިނަ ކާމިޔާބީތަކެއް ހޯދަައިދީފައެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ ފުޓުބޯޅަ ލީގުތަކުގެ ކުލަބުތަކާއި ޤައުމީ ޓީމުތަކަށް ވެސް އެންމެ ބޮޑު ޑިމާންޑެއް އޮންނަނީ ޕްރޯ ލައިސަންސް ކޯޗުންނަށެވެ. މިއީ ޔުއެފާ ޕްރޯ ލައިސަންސްއާ އެއް ފެންވަރެއްގެ ފާހެކެވެ. ޕްރޯ ލައިސަންސް ކޯޗުން ރާއްޖޭގައި އިތުރުކުރުމަކީ އެފްއޭއެމްގެ ބޮޑު އަމާޒެކެވެ.