ކުޅިވަރު

23 އަހަރުން ދަށުގެ ޓީ20 މުބާރާތް: ފުރަތަމަ މޮޅު މާލޭ އޭ ޓީމަށް


23 އަހަރުން ދަށުގެ ކުޅުންތެރިންނަށް އަމާޒުކޮށް ކުރިއަށްގެންދާ ޓީ20 ކްރިކެޓް މުބާރާތުގެ ފުރަތަމަ މެޗު ސީބީއެމް މާލޭ އިލަވަން އޭ ޓީމުން ކާމިޔާބުކޮށްފިއެވެ.

މިއީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް، ސީބީއެމްއިން އިންތިޒާމުކޮށްގެން 3 ޓީމަކާއެކު ލީގު އުސޫލުން ކުރިއަށްގެންދާ މުބާރާތެކެވެ.

މުބާރާތުގެ ފުރަތަމަ މެޗު ސީބީއެމް މާލޭ އިލަވަންގެ އޭ ޓީމު ކާމިޔާބުކުރީ ސީބީއެމް މާލޭ އިލަވަންގެ ބީ ޓީމާއި ވާދަކޮށް 137 ލަނޑުން މެޗު ކާމިޔާބުކޮށްގެންނެވެ.

މެޗުގެ ގުރު ދިމާވުމުން ސީބީއެމް މާލޭ އިލަވަން އޭ ޓީމުން ގަސްދުކުރީ ކުޅުމަށެވެ. މި އިނިންގްސްގައި އެ ޓީމު ކުޅެންއަރާ 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ހަދާފައިވަނީ 227 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 58 ބޯޅައިން 68 ލަނޑު ހެދި މުހައްމަދު ރަޔާން ތޮލާލް އާއި 49 ބޯޅައިން 63 ލަނޑު ހެދި އަލީ އިމާންގެ އިތުރުން 21 ބޯޅައިން 37 ލަނޑު ހެދި ޝިއުސް ފަރީދެވެ.

ޖަވާބުގައި ސީބީއެމް އިލަވަން ބީ ކުޅެންއަރާ 20 އޯވަރު ހަމަވިއިރު 8 ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 90 ލަނޑެވެ. އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 32 ލަނޑު ގެދު އަހުމަދު ޝާދިން އާއި ހަތަރު އޯވަރުން 6 ލަނޑަށް ތިން ވިކެޓް ނެގި ހުސެއިން ޝާދިންއެވެ. މެޗްގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ސީބީއެމް އޭ ޓީމުގެ މުހަންމަދު ރަޔާން ތޮލާލެވެ.

މި ދެ ޓީމުގެ އިތުރުން މި މުބާރާތުގައި ދެން ވާދަކުރަނީ ފުވައްމުލަކު ޓީމެވެ. މި ޓީމުގައި ހިމެނެނީ ފުވައްމުލަކުގައި ކުރިއަށްގެންދާ ކްރިކެޓް ޕްރޮގްރާމްތަކުން ފާހަގަކޮށްލެވޭ މޮޅެތި ކުޅުންތެރިންނެވެ.

3 ޓީމް ލީގު އުސޫލުން ދެ ބުރު ކުޅުމަށް ފަހު ފައިނަލަށް ދާނީ ލީގު ބުރުގެ ކުރި ހޯދާ ދެ ޓީމެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މެއިމަހުގެ 9 ވަނަ ދުވަހުއެވެ.