މި އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައިއޯއައިޖީއާއި، އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ބެޑްމިންޓަން ސްކޮޑް، 14 ކުޅުންތެރިންނާއެކު އެކުލަވާލައިފިއެވެ.
ޤައުމީ ބެޑްމިންޓަން ސްކޮޑް އެކުލަވާލައި ތަމްރީނުތައް ފެށިގެން ކުރިއަށްގެންދަނީ، އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސް އަށް ޚާއްޞަކޮށް ރާއްޖެ ގަނައި ސައުތް ކޮރެއާގެ ހައި ޕާފޯމަންސް ކޯޗުގެ ބެލުމުގެ ދަށުންނެވެ. މި އަހަރުގެ ސެޕްޓެމްބަރު މަހުގެ ނިޔަލަށް، ދެކުނު ކޮރެއާ ކޯޗުގެ ބެލުމުގެ ދަށުން ތަމްރީނުތައް ކުރިއަށް ގެންދާނެއެވެ.
އިންޑިއަން އޯޝަން އައިލެންޑް ގޭމްސް 2023 އަދި އޭޝިއަން ގޭމްސްގައި ވާދަކުރާ ޤައުމީ ބެޑްމިންޓަން ސްކޮޑް، ކޯޗުންގެ އިރުޝާދާއިއެކު އެކުލަލަވާލާފައިވާއިރު، މި ސްކޮޑުގައި ހިމެނުމަށް ހުށައެޅި ޤައުމީ ބެކްއަޕް ސްކޮޑްގެ 10 ކުޅުންތެރިންގެ ތެރެއިން ސްކޮޑުގައި ހިމެނިފައިވަނީ 2 ކުޅުންތެރިންނެވެ. އަދި އެކަޑަމީތަކުން ހިމެނުމަށް ހުށައެޅި 5 ކުޅުންތެރިންގެ ތެރެއިން ސްކޮޑުގައި ހިމެނުނީ 2 ކުޅުންތެރިންނެވެ.
ބެޑްމިންޓަން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ އެންމެ ބޮޑު އަމާޒަކީ ކުރިއަށްއޮތް އޭޝިއަން ގޭމްސް އިން ރަނގަޅު ނަތީޖާއެއް ހާސިލްކުރުންކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ. މީގެ އިތުރުން ވޭތުވެ ދިޔަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ހޯދި ކާމިޔާބަށް ވުރެ ބޮޑު ކާމިޔާބެއް ހޯދުމަކީވެސް ޢަމާޒެއްކަމަށް އެ އެސޯސިއޭޝަނުން ބުންޏެވެ.