ޚަބަރު

ސިފައިން ނިކުމެ މާލޭގެ މަގުތަކުގައި ފެން ހިއްކަން ފަށައިފި


މާލެއަށް ބޯކޮށް ވާރޭވެހި މަގުތަކުގައި ފެންބޮޑުވުމުން، ސިފައިން ނިކުމެ ފެން ހިއްކުމުގެ މަސައްކަތް ފަށްޓަވައިފިއެވެ.

އެމްއެންޑީއެފްއިން ވިދާޅުވީ ފަޔަރ އެންޑް ރެސްކިޔު ސާވިސްގެ ސިފައިން މިހާރު ފެން ހިއްކުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އެ މަސައްކަތް ފެށީ ހެދުނު 06:08 ގައި ކަމަށެވެ. އެގޮތުން މާލޭގައި އެންމެ ބޮޑަށް ފެން ހެދޭ ސަރަހައްދުތައް ކަމަށްވާ ޣިޔާސުއްދީން ސުކޫލު، އައިޖީއެމްއެޗް އަދި ދިރާގު ހެޑް އޮފީސް ސަރަހައްދުގައި ޕަމްޕު ބަހައްޓައިގެން ސިފައިން އަންނަނީ ފެން ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.

ރޭ ދަންވަރުން ފެށިގެން މާލެއަށް ދިއައީ ވާރޭވެހެމުންނެވެ. އަދި ބޯކޮށް ވާރޭ ވެހެން ފެށީ ފަތިހުން ފެށިގެންނެވެ.

މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ ކުރިއަށް އޮތް 24 ގަޑިއިރު ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާ ބޯކޮށް ވާރޭވެހޭނެކަމަށެވެ. އަދި ވައި ގަދަވެ ކަނޑުތައްވެސް ގަދަވާނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ. މޫސުމާ ބެހޭ ޤައުމީ އިދާރާގެ ތަފާސް ހިސާބަށް ބަލާއިރު ވޭތުވެދިަޔަ 24 ގަޑިއިރު އެންމެ ގިނައިން ވާރޭވެހުނުކަމަށް ރެކޯޑްކޮށްފައިވަނީ ސ.ަގަމަށެވެ. ގަމަށް 70.4 މިލިމީޓަރަށް ވާރޭވެހުނު އިރު ސ.ހުޅުމީދޫއަށް 62.1 މިލިމީޓަރަށް ވާރޭވެހުނުކަމަށް ވަނީ ރެކޯޑްކުރެވިފައެވެ. އަދި ހުޅުލޭގައި ހުންނަށް މީޓިއޮރޮލޮޖިކަލް ސެންޓަރަށް ރެކޯޑް ކުރެވިފައިވަނީ 58.2 މިލިމީޓަރުގެ ވާރެއެވެ.

އެ އިދާރާއިން މިހާރު ވަނީ މޫސުން ގޯސްވާނެކަމަށް ލަފާކޮށް މިއަދު 12:00 ޖެހުމާ ހަމައަށް ލ.އަތޮޅުން ފެށިގެން އައްޑޫ ސިޓީ އަދި ކ. އަތޮޅުން ފެށިގެން ވ އަތޮޅަށް ޔެލޯ އެލަރޓް ނެރެފައެވެ.