މިދުވަސްވަރަކީ މޫސުން ގޯސް ދުވަސްވަރަކަށްވުމުން ދަތުރުފަތުރު ކުރުމުގައި ސަލާމަތީ ރައްކާތެރިކަން ކަށަވަރުކުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.
ފުލުހުން ވަނީ ކަނޑުދަތުރުފަތުރު ކުރުމުގެ ގާނޫނާއި ގަވާއިދުތަކާ އެއްގޮތަށް އުޅަނދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާއެކު އުޅަނދުގައި ފުރިހަމަވެފައި ހުންނަންޖެހޭ މުވާސަލާތީ ވަސީލަތްތަކާއި ލައިފް ޖެކެޓު ހަމައަށް ހުރިތޯއާއި އެތަކެތި ހުރީ ބޭނުންކުރެވޭފަދަ ހާލަތުގައިތޯ ޔަގީންކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި އެ އުޅަނދަކަށް އެކަށީގެންވާ ވަރަށްވުރެ އިތުރަށް މީހުންނާއި މުދާ ނޭރުވުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.
މީގެއިތުރުން، މޫސުން ގޯސްވެ، ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި އެއްގަމު އުޅަނދު ދުއްވުމުގައިވެސް ސަމާލުކަން ދެއްވުމަށް ފުލުހުން އިލްތިމާސްކުރައްވައެވެ. އެގޮތުން ވައިގަދަ ވަގުތުތަކުގައި ކޮންޓްރޯލްކުރެވޭ މިންގަނޑެއްގައި އުޅަނދުގެ ސްޕީޑް ބެހެއްޓުމަށާއި ވިއްސާރައިގައި ދުއްވާއިރު އުޅަނދުގެ ހެޑްލައިޓް ދިއްލުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ. އަދި ވިއްސާރަވެ މަގުމަތީގައި ފެންބޮޑުވެފައިވާ ވަގުތުތަކުގައާއި އެނޫން ވަގުތުތަކުގައި އުޅަނދު ދުއްވާއިރު ހިނގާ މީހުންނަށް ޚާއްސަ ސަމާލުކަމެއް ދިނުމަށްވެސް ފުލުހުން އިލްތިމާސްކުރައްވައެވެ.
ކުރިއަށް އޮތް 24 ގަޑިއިރުވެސް ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަ ކުރުމާއެކު ގުގުރާނެ ކަމަށް މޫސުމާބެހޭ އިދާރާއިންވަނީ ލަފާކުރައްވާފައެވެ. އަދި ބައެއް ރަށްތަަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާ ކަމަށް އެއިދާރާއިން ހާމަކުރައްވައެވެ. އަދި ހުޅަނގާއި ހުޅަނގު އުތުރުން ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައްވެސް ގަދަވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވައެވެ.