ރާއްޖެއަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރަކަމަށާއި ކުރިއަށް އޮތީ މޫސުން ގޯސް ދުވަސްތަކެއް ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވީ މިހާރު ހުޅަނގު މޫސުމުގެ ވިއްސާރާ ކުރަމުން އަންނައިރު ދެކުނުގެ އަތޮޅުތަކަށް ހުޅަނގު މޫސުން ފެށުނީ އިއްޔެކަމަށެވެ. އަދި މެދު ރާއްޖެތެރެއަށް ހުޅަނގު މޫސުން ފެށިފައިވަނީ މިއަދު ކަމަށެވެ.
މޫސުމާ ބެހޭ ޤައުމީ އިދާރާއިން ހާމަކުރައްވާފައިވާ މަޢުލޫމާތަށް ބަލާއިރު ހުޅަނގު މޫސުން ފެށޭނީ ދެކުނުގެ އަތޮޅުތަކުންނެވެ. އޭގެ ފަހުން އޭގެ އަސަރު މެދު ރާއްޖެތެރެއަށް ކުރެއެވެ. އަދި މެއި މަސް ނިމުމުގެ ކުރިން މުޅި ރާއްޖެއަށް ހުޅަނގު މޫސުމުގެ އަސަރު ކުރަން ފަށައެވެ. މޫސުމާބެހޭ އިދާރާއިން ހުޅަނގު މޫސުން ފެށުނު ކަމަށް ބައްލަވަނީ މެއި މަސް ފެށުނު ފަހުން ދެކުނުގެ އަތޮޅުތަކަށް 2.5 މިލިމީޓަރު ނުވަތަ އެއަށްވުރެ އިތުރަށް ވާރޭ ވެހުމުންނެވެ. އަދި މިހާލަތު ވިދިވިދިގެން 2 ދުވަހަށް ނުވަތަ އިތުރަށް ދެމިގެން ދިއުމާއި، ވައިގެ މިސްރާބު ހުޅަނގު ދެކުނާއި ހުޅަނގާ ދެމެދު ހުރެފައި ގަޑިއަކު 10 ނޯޓިކަލް މޭލަށް ވުރެ ބާރުމިނުގައި ވައިޖެހުމުން ވެސް ހުޅަނގު މޫސުން ފެށުނުކަމަށް ބަލާ ކަމަށް މޫސުމަބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.
މެޓު އޮފީހުން ވިދާޅުވީ ރާއްޖެ ސަރަހައްދުގައި ހުޅަނގު މޫސުމުގެ ބާރުގަދަވުމާ ގުޅިގެން، މިއަދުން ފެށިގެން އަންނަ އާދިއްތަ ދުވަހާ ހަމައަށް މޫސުން ގޯސްވާނެކަމަށެވެ. ޚާއްޞަކޮށް މެދުރާއްޖެތެރެ އާއި ދެކުނުގެ ސަރަޙައްދުގައި ޢާއްމުކޮށް ވައިބާރުވެ ކަނޑުތައް ވަރަށް ގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވެއެވެ.
އެގޮތުން އާއްމު ގޮތެއްގައި ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރު މިނެއްގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު 40 މޭލާއި 50 މޭލުގެ ބާރުމިނަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށްވަނީ ލަފާކުރައްވާފައެވެ. އަދި ބައެއް ރަށްރަށަށް އުދައަރާނެ ކަމަށްވެސް މޫސުމާ ބެހޭ ޤައުމީ އިދާރާއިންވަނީ ލަފާކުރައްވާފައެވެ.
އެހެންނަމަވެސް އަންގާރަ ދުވަހުން ފެށިގެން ކޮންމެވެސް ވަރަކަށް މޫސުން އަލިވާންފަށާނެ ކަމަށް އެއޮފީހުން ވިދާޅުވެއެވެ.
ޢާއްމުގޮތެއްގައި ވެސް މޫސުން ގޯސް ދުވަސްވަރު ކަނޑުމަތީގެ ހިތާމަވެރި ހާދިސާތައް ހިނގާ މިންވަރު އިތުރުވެއެވެ. އެގޮތުން މިވިއްސާރައިގައި މިއަދުވެސް ވަނީ މުދާ އުފުލާ ބޯޓެއް އަޑިއަށްގޮސް އެއިން ދަތުރުކުރި ބަޔަކު ކަނޑުވެފައެވެ.
އެހެންކަމުން ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ބަލައިގެން ދަތުރުކުރުމަށާއި ގަދަ ވަޔާއެކު ވާރޭ ވެހޭއިރު ލިބިދާނެ ނުރައްކާތަކުން ސަލާމަތްވުމަށާއި ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށް ފިޔަވަޅު އެޅުމަށް ކަމާބެހޭ އިދާރަތާކުން އަންނަނީ އިލްތިމާސްކުރައްވަމުންނެވެ.