ކުޅިވަރު

23 އަހަރުން ދަށުގެ ޓީ20 މުބާރާތް: ފުވައްމުލައް ޓީމަށް ދެވަނަ މޮޅު


23 އަހަރުން ދަށުގެ ކުޅުންތެރިންނަށް ޢަމާޒުކޮށް ކުރިއަށްގެންދާ ޓީ20 ކްރިކެޓް މުބާރާތުގައި މިއަދު ކުޅުނު މެޗުގައި މާލޭ އޭ ޓީމު އަތުން ފުވައްމުލައް ޓީމު މޮޅުވެއްޖެއެވެ.

މި މުބާރާތަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސް (ސީބީއެމް) އިން އިންތިޒާމުކޮށްގެން ތިން ޓީމަކާއެކު ލީގު އުޞޫލުން ކުރިއަށްގެންދާ މުބާރާތެކެވެ. މި މުބާރާތުގައި މިއަދު ކުޅުނު މެޗުން ފުވައްމުލައް ޓީމު މޮޅުވީ، މާލޭ އޭ ޓީމު އަތުން 17 ލަނޑުންނެވެ.

ކުޅިވަރު އެކުވެނީ ކްރިކެޓް ދަނޑުގައި ކުޅުނު މި މެޗުގެ ގުރު ދިމާވުމުން މާލޭ އޭ ޓީމު ނިންމީ ހޮވުމަށެވެ. އެއާއެކު ފުވައްމުލައް ޓީމު އެންމެ ފުރަތަމަ ކުޅެން އަރައި 20 އޯވަރު ހަމަވިއިރު ހަތަރު ކުޅުންތެރިން ނުބައިވެގެން ވަނީ 155 ލަނޑު ހަދާފައެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅުނީ ނުބައިނުވެ 45 ބޯޅައިން 72 ލަނޑު ހެދި ނަޞީމް ޢަލީ އާއި، 36 ބޯޅައިން 24 ލަނޑު އެއްކުރި މުޙައްމަދު ހައިކަލްއެވެ.

ޖަވާބުގައި މާލޭ އޭ ޓީމު ކުޅެން އަރައި 20 އޯވަރު ހަމަވިއިރު އަށް ކުޅުންތެރިން ނުބައިވެގެން ހެދިފައިވަނީ 138 ލަނޑެވެ. އެ ޓީމުން އެންމެ ރަނގަޅަށް ކުޅެފައިވަނީ 36 ބޯޅައިން 32 ލަނޑު އެއްކުރި ޝިއުސް ފަރީދާއި، 14 ބޯޅައިން 21 ލަނޑު އެއްކުރި ޢަލީ އިއްމާނެވެ. މި އިނިންގްސްގައި އިބްރާހީމް މަބްސަރު ވަނީ ތިން ވިކެޓް ނަގާފައެވެ.

މި މެޗުން ފުވައްމުލައް ޓީމު މޮޅުވިއިރު، މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން އެ ޓީމު ވަނީ މާލޭ ބީ ޓީމު އަތުން 152 ލަނޑުން މޮޅުވެފައެވެ.

މި މުބާރާތުގެ ކުޅުން ކުރިއަށްދަނީ ތިން ޓީމު ލީގު އުޞޫލުން ދެ ބުރެއް ކުޅުމަށްފަހު، ލީގު ބުރުގެ ކުރި ހޯދާ ދެ ޓީމު ފައިނަލަށް ދާ ގޮތަށެވެ. މުބާރާތުގެ ފައިނަލް މެޗު ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ ނުވަވަނަ ދުވަހުއެވެ.