ކުޅިވަރު

ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ބްރައިޓަންއިން ޔުނައިޓެޑް ބަލިކޮށްފި


އިނގިރޭސި ޕްރިމިއަރ ލީގުގައި ފަހު ވަގުތު ކާމިޔާބުކުރި ލަނޑާއެކު ބްރައިޓައިން މެންޗެސްޓާ ޔުނައިޓެޑް ބަލިކޮށްފިއެވެ.

ބްރައިޓަންއިން މިމެޗް ކާމިޔާބުކުރީ އަމިއްލަ ދަނޑުގައި ކުޅެ އެއްލަނޑު ސުން ލަނޑުންނެވެ.

ފޯރިގަދަ ކުޅުމެއް ދެޓީމްގެ ފަރާތުންވެސް ފެނިގެންދިޔަ މިމެޗްގައި ބްރައިޓަން ފެނިގެންދިޔައީ ޔުނައިޓެޑަށް ވުރެ މޮޅަށް ކުޅެމުންދިޔަ ތަނެވެ. ހާއްސަކޮށް މިމެޗްގެ ދެވަނަ ހާފްގައި ބްރައިޓަންގެ ކުޅުން ވަރަށް ރަނގަޅުކަން ފާހަގަވެގެންދިޔައެވެ.

މިމެޗްގެ ފުރަތަމަ ހާފްގައި ލަނޑެއް ފެނިގެން ނުދިޔަނަމަވެސް ލަނޑު ޖަހާނެ ފުރުސަތު ދެޓީމަށްވެސް ލިބިގެންދިޔައެވެ. މިގޮތުން މިހާފްގައި ބްރައިޓަންއަށް ވުރެ ބޮޑަށް ލަނޑެއް ޖެހުމާއި ގާތަށް ދިޔައީ ޔުނައިޓެޑެވެ. ނަމަވެސް މިއިން އެއްވެސް ފުރުސަތެއްގެ ބޭނުން ހިފޭގޮތެއްނުވިއެވެ.

މިމެޗްގެ ފުރިހަމަ ވަގުތު ހަމަވެ، އިތުރު ވަގުތުގެ ފަސް މިނެޓް ދެއްކި އިރުވެސް ބްރައިޓަންއިން ދިޔައީ ފުލުފުލުގައި ޔުނައިޓެޑްގެ ގޯލަށް ނުރައްކާ ކުރަމުންނެވެ. ނަމަވެސް އެޓީމުން އުފައްދަމުން ދިޔަ ހަމަލާތައް ރަނގަޅަށް ނިންމާލެވެމުންދިޔަ ތަނެއް ފެނިގެނެއް ނުދިޔައެވެ. މިއާއެކު މިމެޗް އެއްވަރު ވެގެން ނިމިދާނެކަމަށް ހީވެގެންދިޔަ ނަމަވެސް އިތުރު ވަގުތުގެ ފަސްވަނަ މިނެޓްގައި ބްރައިޓަންއަށް ލިބުނު ކޯނަރެއްގައި އުފެއްދި ހަމަލާގެ ތެރޭގައި ޔުނައިޓެޑްގެ ޑިފެންޑަރ ލޫކް ޝޯގެ އަތުގައި ބޯޅަ ޖެހުމާއެކު ބްރައިޓަންއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ.

މި ޕެނަލްޓީ ދީފައިވަނީ ވީއޭއާރުން އެހާދިސާ މެޗްގެ ރެފްރީގެ ސަމާލުކަމަށް ގެނައުމާއެކު އޭނާ އަމިއްލައަށް އެހާދިސާ ބެލުމަށްފަހުއެވެ. މިޕެނަލްޓީ ކާމިޔާބުކޮށްދިނުމުގެ އިތުރުން މިމެޗް ބްރައިޓަންއަށް ކާމިޔާބުކޮށްދިނީ އާޖެންޓީނާގެ އެލެކްސިސް މެކް އެލިސްޓަރއެވެ. މިއީ މިސީޒަންގައި އޭނާ ޖަހާ އަދި ކާމިޔާބުކުރި ހަވަނަ ޕެނަލްޓީއެވެ.

މިކާމިޔާބީއާއެކު ބްރައިޓަންއިން މިވަނީ ކުޅުނު 32 މެޗުން ލިބިފައިވާ 55 ޕޮއިންޓާއެކު ތާވަލްގެ 6 ވަނައަށް ކުރިއަށް ޖެހިލާފައެވެ. އަދި ފަސްވަނައިގާ އުޅޭ ލިވަޕޫލަށްވުރެ ދެމެޗް މަދުން ކުޅެފައިވުމާއި މިދެޓީމްގެ ދެމެދުގައި ފަރަގު މިވަގުތު ހުރީ ހަތަރު ޕޮއިންޓްގައި ކަމުން ބްރައިޓަންއިން އެދެމެޗް ކާމިޔާބު ކުރެވިއްޖެނަމަ ތާވަލްގެ ފަސްވަނައަށް އެރުމުގެ ފުރުސަތުވެސް ލިބިގެންވެއެވެ. މިމެޗުން ބަލިވުމާއެކު ޔުނައިޓެޑް އުޅެނީ ކުޅުނު 33 މެޗުން ލިބިފައިވާ 63 ޕޮއިންޓާއެކު ތާވަލްގެ ހަތަރު ވަނަައިގައެވެ.