ޚަބަރު

މީހުންގެ އަބުރަށް އަރައިގަންނަ ފަރާތްތަކާމެދު ފިޔަވަޅު އަޅަނީ


މީހުންގެ އަބުރާއި ކަރާމަތަށް އެއްވެސް އިމެންނެތި އަރައިގަންނަ ފަރާތަކަށް އިސްވެ އަޅުއްވަން ޖެހިވަޑައިގަންނަވާ ކޮންމެ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާނެކަމަށް ކްރިމިނަލް ކޯޓުން ހާމަކުރައްވައިފިއެވެ.

މީސްތަކުން އަބުރު ރައްކާތެރިކުރުމަކީ އިސްލާމީ ޝަރީޢަތުގެ ފަސް މަޤްޞަދުގެ ތެރެއިން އެއް މަޤުޞަދުކަމަށްވާއިރު އެއާ އެއްވެސް ދިވެއްސަކު ޚިލާފްވުމަކީ ކޮށްގެންވާނޭކަމެއް ނޫންކަމަށް އެކޯޓުން އިއްޔެ ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވެއެވެ. އަދި ކޮންމެ މީހެއްގެ ޒާތީ ދިރިއުޅުމަކީ ޙުރުމަތްތެރިވެންވާ އެއްޗެއްކަން ޤާނޫނު އަސާސީގައި ބުނެފައިވާއިރު އަނެކަކުގެ ޙައްގުތަކަށް ކޮންމެ މިހަކުވެސް އިޙްތިރާމްކުރަންޖެހޭނެކަމަށް ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާކަމަށް ކްރިމިނަލް ކޯޓުގެ ބަޔާނުގައި ފާހަގަކުރައްވާފައިވެއެވެ.

ކޮންމެ މީހަކަށްވެސް އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރުމުގެ ޙައްޤު ކަށަވަރުކޮށްދީފައިވާތީ މީސްތަކުންގެ އަބުރާއި ޢިއްޒަތާއި ޝަރަފާއި ކަރާމަތަށް އެއްވެސް އިމެއްނެތި ބަޔަކު އަރައިގަތުން ހުއްޓުވުމަށްޓަކައި އިސްވެ އަޅުއްވަން ޖެހިވަޑައިގަންނަވާ ކޮންމެ ފިޔަވަޅެއް އަޅުއްވަމުން ގެންދަވާނެކަމަށް ކުރިމިލަކް ކޯޓުން ކޯޓުގެ ބަޔާނުގައިވެއެވެ.

ކުރިމިނަލް ކޯޓުން މި ބަޔާން ނެރުއްވާފައި މިވަނީ އެކޯޓް ހިންގެވުން ވަގުތީ ގޮތުން ޙަވާލްކުރައްވާފައި ހުންނެވި ފަނޑިޔާރު ޢަބްދުލްބާރީ ޔޫސުފްގެ ފޮޓޯއެއް ނަގައި ބިރުދެއްކިކަމަށް ބުނާ މައްސަލައެއްގައި ޤައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިޔާ އައްސަދު ޢަލީ ހައްޔަރުކުރައްވާފައިވާ ދަނޑިވަޅެއްގައެވެ. އަދި ގާޒީގެ ފޮޓޯ ނެގި މައްސަލައެއްގައި، ރާއްޖޭގެ 3 ނޫހެއްގެ ނޫސްވެރިން ކްރިމިނަކލް ކޯޓްގައި ހިންގާ ޝަރީޢަތަކަށް ނުވެއްދުމަށް އިއްޔެ ނިންމާފައިވެސް ވަނިކޮށެވެ.