ކުޅިވަރު

ކޯލްމަންއަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަނުގައި އޭނާ ފެނުން ދުރު


އިނގިރޭސި ޕްރިމިއަރ ލީގުގައި ލެސްޓަ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައި އެވަޓަންގެ ކެޕްޓަން ސީމަން ކޯލްމަންގެ ފަޔަށް ލިބުނު އަނިޔާގެ ސަބަބުން މި ސީޒަންގައި ބާކީ އޮތް ކުޑަ ދުވަސްކޮޅުގެ ތެރޭގައި އޭނާ ފެނުން ދުރުކަމަށް އެ ޓީމުގެ ކޯޗު ޝޯން ޑައިސް ބުނެފިއެވެ.

ކޯލްމަންއަށް އަނިޔާވީ ލެސްޓަރ އާއި ބައްދަލުކުރި މެޗްގައި ލެސްޓަރގެ ބޮއުބަކާރީ ސޮއުމާރޭ ކޯލްމަން އަތުން ބޯޅަ ހޯދަން އުޅުމުގެ ތެރޭގައެވެ. އުމުރުން 34 އަހަރުގެ ކޯލްމަން ވަނީ އޭނާއަށް ލިބިފައިވާ އަނިޔާގެ ދެނެގަތުމަށްޓަކައި ސްކޭންއެއްވެސް މިހާރު ހަދާފައެވެ. އަދި ސްކޭންއިން އޭނާއަށް ލިބިފައިވާ އަނިޔާ ކުރިން ހީކުރިވަރަށް ގޯސް ނޫންކަމަށްވެއެވެ.

ޑައިސް ހާމަކުރިގޮތުގައި ކުރިން ހީކުރިވަރުގެ ބޮޑު އަނިޔާއަކަށް ނުވިނަމަވެސް މިއީ ލަގަމެންޓަށް ލިބިފައިވި އަނިޔާ އެއްކަމުން މިސީޒަންގައި ބާކީ ހުރި މެޗްތަކުން ކޯލްމަން ފެނުން ވަރަށް ދުރެވެ. ކޯލްމަން އެވަޓަންއާއެކު ހަދާފައިވާ އެގްރީމަންޓް މިސީޒަނާއެކު ހަމަވާނެތީ މިއީ ފަހަރުގައި އެވަޓަންއިން ކޯލްމަން ފެނުނު ފަހު ފަހަރަށްވެސް ވެދާނެއެވެ.

ކޯލްމަން އެވަޓަން އާއި ގުޅިފައިވަނީ 2009 ވަނަ އަހަރު އަޔަލަންޑްގެ ޓީމެއްކަމަށްވާ ސްލިގޯ ރޯވަރސްއިން 60 ހާސް ޕައުންޑްގެ އަގަކަށެވެ. އަދި މިހާތަނަށް އޭނާވަނީ އެޓީމަށް 394 މެޗް ކުޅެދީފައެވެ.

ޕްރިމިއަރ ލީގުގައި މިވަގުތު އެވަޓަން އުޅެނީ ތާވަލްގެ 19 ވަނައިގައެވެ. އަދި ރެލިގޭޝަނުން ސަލާމަތްވުމަށް އެވަޓަންއިން ކުރަމުންދާ މަސައްކަތުގައި ކޯލްމަން ނެތްތަން ވަރަށް ބޮޑަށް ދައްކާކަމަށް ގިނަ ބަޔަކު އަންނަނީ ފާހަގަކުރަމުންނެވެ.