ކުޅިވަރު

ހައިދަރްބާދް އަތުން ނައިޓް ރައިޑާސްއަށް މޮޅެއް


އިންޑިއަން ޕްރިމިއަރ ލީގު، އައިޕީއެލް ކްރިކެޓް މުބާރާތުގައި ސަންރައިޒާސް ހައިދްރަބާދާ ދެކޮޅަށް ކުޅުނު މެޗު ކޮލްކަޓާ ނައިޓް ރައިޑާސްއިން ކާމިޔާބުކޮށްފިއެވެ.

މިމެޗް ކޮލްކަޓާ ނައިޓް ރައިޑަރސް ކާމިޔާބުކޮށްފައިވަނީ ފަސް ލަނޑުގެ ތަފާތުންނެވެ.

ހައިދްރަބާދުގެ ރަޖީވް ގާންދީ އިންޓަރނޭޝަނަލް ސްޓޭޑިއަމްގައި ކުޅުނު މިމެޗްގައި ޓޮސް ދިމާވުމުން ނައިޓް ރައިޑަރސްއިން ބޭނުންވީ އެންމެ ފުރަތަމަ ބެޓް ކުރާށެވެ. މިގޮތުން އެޓީމުން އެންމެ ފުރަތަމަ ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 9 ކުޅުންތެރިން ނުބައިވެގެން ހެދުނީ 171 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 46 ލަނޑު ހަދައިދިން ރިންކޫ ސިންގ އާއި 42 ލަނޑު ހަދާދިން ކެޕްޓަން ނިތިޝް ރާނާއެވެ.

މި އިނިންގްސްގައި ސަންރައިޒަރސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 24 ލަނޑަށް ދެ ވިކެޓް ނަގާދިން މާކޯ ޖެންސެން އާއި ހަތަރު އޯވަރު 30 ލަނޑަށް 2 ވިކެޓް ނަގާދިން ނަތާރާޖަންއެވެ.

ޖަވާބުގައި ސަންރައިޒަރސްއިން ކުޅެން އަރާ 20 އޯވަރުގެ ތެރޭގައި 8 ކުޅުންތެރިން ނުބައިވެގެން ހެދުނީ 166 ލަނޑެވެ. އެޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ 41 ލަނޑު ހަދާދިން ކެޕްޓަން އައިޑެން މާރކްރަމް އާއި 36 ލަނޑު ހަދާދިން ހެއިންރިކް ކްލާސެންއެވެ. މި އިނިންގްސްގައި ނައިޓް ރައިޑަރސްއަށް އެންމެ ރަނގަޅަށް އުކާފައިވަނީ ތިން އޯވަރު 23 ލަނޑަށް 2 ވިކެޓް ނަގަދިން ޝަރްދުލް ޓާކޫރާއި ތިން އޯވަރު 32 ލަނޑަށް 2 ވިކެޓް ނަގާދިން ވައިބަވް އަރޯރާއެވެ.

މިކާމިޔާބީއާއެކު ކޮލްކަޓާ ނައިޓް ރައިޑަރސް މިހާރު އުޅެނީ ކުޅުނު 10 މެޗުން ލިބިފައިވާ 8 ޕޮއިންޓާއެކު ތާވަލްގެ 8 ވަނައިގައެވެ. އަދި ސަންރައިޒަރސް ހައިދްރަބާދު އުޅެނީ 9 މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު ތާވަލްގެ 9 ވަނައިގައެވެ.